އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކުރަމުންދާތީ އެކަމުގެ ކަންބޮޑުުވުން ފާޅުކޮށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ. އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 10 މެމްބަރުން ނެވެ. ނުފެންނަކަމަށް 17 މެމްބަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން އެ މައްސަަލަ ބަލަައިގަނެ ބަހުސްކުރަން ފާހެއް ނުވި އެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަށް ވަނުމާއި ވަކިވުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. ނަމަވެސް އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމާއި ސިޔާސީ ޕާޓީތަކުގެ މެބްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން މިހާރު ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.

މައްސަލައިގައި ބުނެފައިވަނީ އާންމުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކަށް ލިބިދޭ އިމްތިޔާޒުތަކާ ބީރަށްޓެހި ކަމެއް ކަމަށެވެ. އެކަންކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އުފެދުމާއި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލިގެންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެފަރާތްތަކުގެ އިމްތިޔާޒުތަކަށް އުނިކަން ލިބޭ ފަދަ ކަންކަން ކުރިމަތިވުމާއި، ނުހައްގު މާލީ ފައިދާއާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުން ދިއުމާއި، މަލްޓި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި، އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް އެފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެ މެމްބަރުންނަށް ނޭނގި އެއްޕާޓީން އަނެއް ޕާޓީއަށް ބަދަލުވާ މައްސަލަ ފަަހަކަށް އައިސްވަނީ ވަރަށް ބޮޑު ވެފަ އެވެ. އަދި އެއްވެސް ޕާޓީއަކަށް ސޮއިނުކުރާ ފަރާތްތައް ވެސް ޕާޓީތަކަށް ވައްދާކަމުގެ ޝަކުވާތައް ކުރިމަތިވެ އެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކަށް ވަންނަ މީހުންގެ ލިސްޓު އާއްމު ކުރަން ފަށާފަ އެވެ.