ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދަފްތަރުގައި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުގެ ނަން ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ އެމްޑީޕީގެ ދަފްތަރުގައި އޭނާގެ ނަން އެބައޮތް ކަމަށާއި ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒަށް ވޯޓުލާން ދިއުމަށް އޭނާއަށްވެސް ގުޅި ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއްކަން ޤަބޫލުކުރަންޖެހޭކަމަށެވެ. އެގޮތުން އެ މައްސަލަ ބޮޑުކަން އެނގެނީ އޭނާގެ ނަން އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ވޯޓުލެވޭ ލިސްޓުގައި އޮތުމުންކަމަށާއި ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހުރި މައްސަލަތަކަށް މަޖިލީހުގައި ބަހުސް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ސިޔާސީ ޕާޓީތަކުގެ މެމްބަރުން ނޭނގި ޕާޓީ ބަދަލުވެ އަދި އެއްވެސް ޕާޓީއަކަށް ނުވަންނަ މީހުން ޕާޓީތަކަށް ވައްދާފައިވާ މައްސަލަ ފެންމަތިވެ ޝަކުވާތައް ބޮޑުވުމާ ގުޅިގެން އާދަމް ޝަރީފް މަޖިލީހަށް ހުށައެޅި މައްސަލަ އިއްޔެ ވަނީ ބޭރުކޮށްލާފަ އެވެ.

ޗެއަރޕާސަން ކެމްޕެއިންގައި ފައްޔާޒޔ ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާން ޕީޕީއެމްގެ 20،000 މީހުންނަށް ވޯޓު ލެވޭކަމަށެވެ. އެހެންކަމުން އެމްޑިޕީގެ ދަފްތަރު ސާފުވާންޖެހޭކަމަށް ފައްޔާޒު ވިދާޅުވެފައިވެ އެވެ.