މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގއ. ވިލިގިނލި ފަޅަށް ވަންނަން އުޅެނިކޮށް ނެރުގެ ފައިކަށީގައި ޖެހި ހިންގި ނުރައްކާތެރި ލޯންޗު އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާއަށް މާލެ ގެނައި ތިން މީހުންގެ ތެރެއިން އެކަކު އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެނީ އެ ލޯންޗްގެ ކެޕްޓަނަކަށް ހުރި އަދި އެ ހާދިސާގައި މަރުވި ގއ. ވިލިނގިލި، ދޫރެސް، މިސްބާހް އަބްދުލް މުހުސިންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިސްހާގް އަބްދުލް މުހުސިން އަށެވެ. އިސްހާގު އިތުރު ފަރުވާއަށް މާލެ ގެނައިތާ ތިން ދުވަސްވެފައިވާއިރު، އޭނާ އިތުރު ފަރުވާއަށް މާލެއަށް ގެނައީ ވެސް ވެންޓިލޭޓަރުގެ އެހީގަ އެވެ.

އިސްހުގުއަށް ފަރުވާދޭ ޑޮކްޓަރުންގެ ޓީމާ ހަވާލާދީ އޭނާގެ އާއިލާއިން ބުނީ އިސްހާގު އަދިވެސް އޮތީ ކްރިޓިކަލް ހާލަތުގައި ކަމަށެވެ. މާލެއަށް ގެނައި އިރު ގިނަ ޒަހަމްތަކަކާއެކު އޭނާގެ ހަށިގަނޑުގެ އެކިތަންތަން ހުރީ ދުޅަވެފަ އެވެ. އެހެން ނަމަވެސް ދުޅަތައް މިހާރު މަޑުމަޑުން ތިރިވަމުން އަންނަ ކަމަށް އާއިލާއިން ވާހަކަ ދެއްކި ހަސަން ނިޒާމް ބުންޏެވެ.

މި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި އަނެއް ދެ މީހުންނަށް ފަރުވާ ދެނީ ވޯޑްގައި ބާއްވައިގެން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މި އެކްސިޑެންޓްގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.

މި ހާދިސާގައި މަރުވީ ވިލިނގިލި، ދޫރެސް، މިސްބާހު އަބްދުލް މުހުސިނާއި ނ. ލަންދޫ އުރަހަ، މުހައްމަދު ޝާފިއު އެވެ.

އެ ދެ މީހުން މަރުވީ ލޯންޗު ނެރު ފައިކަށީގައި ޖެހުނު ވަގުތު ކަނޑަށް ވެއްޓިގެންނެވެ. އަދި އެ ދެ މީހުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.