ކޮވިޑަށް މިއަދު 32 މީހުން ޕޮޒިޓިވްވެ، 62 މީހުން ބަލިން ރަނގަޅު ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ނެގި 1،561 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 32 މީހުން ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 15 ބިދޭސީންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 13 މީހުންނެވެ.

ފާއިތުވި ދެ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި އަދަދު އުޅެނީ 50 އަށް ވުރެ މަތީގަ އެވެ.

މިރެއާ ހިސާބަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،578އަށް އިތުރުވެފަ އެވެ. އޭގެ ތެރެއިން މިހާރު ވެސް ކޯވިޑަށް ޕޮޒިޓިވްވި 967 މީހުން އެބަތިއްބެވެ.

މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ އަދަދު ވަނީ 82 އަށް އިތުރުވެފަ އެވެ. އަދި 341 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. އަތޮޅުތެރޭގައި ހެދި ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ ލ ގަން ކޯވިޑް ފެސިލިޓީގަ އެވެ. އެތަނުގައި ދެ މީހަކަށް ފަރުވާދެމުން އެބަގެންދެ އެވެ.