ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާނު، ހެލްތު އެންޑް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

އެނގިފައިވާގޮތުގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މަހުގެ ކުރީކޮޅުން ފެށިގެން ޒީނާޒު އަންނަނީ އޮފީހަށް ނުކުމެވަޑައިގަންނަވަމުންނެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި އެކަން ފެންނާކަށް ނެތެވެ.

މީގެ އިތުރުން، މި ސަރުކާރުގެ ކުރީކޮޅު ވެރިކަންކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އޭނާ ފުރުއްވާފައިވެ އެވެ. ބޮޑު މުސާރައާއެކު އެމްއޭސީއެލްގެ އިސް މަގާމެއް ވެސް ކުރިން އޭނާއަށް ދިންކަމަށް ސޯޝަލް މީޑިއާގައި ލީކްކޮށްލި ލިސްޓެއްގައިވެ އެވެ.

ޒީނާޒުގެ ފިރިކަލުން އާދަމް ޝަރީފް އުމަރު ވަނީ ފަހުން ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން މިނިސްޓަރުކަމުން އިސްތިއުފާދެއްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިހާރު ނިންމަވާފައިވަނީ، ރާއްޖެއިން ގަތަރަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އާދަމް ޝަރީފް އައްޔަންކުރެއްވުމަށެވެ. އަދި އެކަމަށް ރުހުން ހޯއްދެވުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ފޮނުއްވާފަ އެވެ.