ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ އަދަދަށް މެމްބަރުން ހަމަނުވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އެމްއާރުއެމް އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުފެއްދި އެމްޓީޑީ އާއި ޑީއާރުޕީ އަދި އެމްއެލްއެސްޑީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ފޮނުވައިފި އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެމްބަރުންގެ އެ ޕާޓީއެއްގައި ތިބެގެންނެވެ. އެ އަދަދަށް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް މިމަހުގެ 14ގެ ފަހުން އުވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން 3،000 މެންބަރުންގެ ސޮޔާއެކުގައި ރެޖިސްޓްރީކުރި ނަމަވެސް އެކި ސަބަބުތަކާ ހުރެ ޕާޓީން މެންބަރުން ވަކިވުމާ ގުޅިގެން ހަތަރު ޕާޓީއެއްގެ މެންބަރުންގެ އަދަދު 3،000 އަށްވުރެ ދަށްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ނޯޓިސް ފޮނުވާފަ އެވެ. ކޮމިޝަނުން ވަނީ މިމަހުގެ 14ގެ ކުރިން 3،000 މީހުން ހަަމަކުރުމަށް އެ ޕާޓީތަކަށް ނޯޓިސް ފޮނުވާފަ އެވެ.

އެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ނޯޓިސް ފޮނުވާފައިވަނީ ރައީސް މައުމޫން އިސްވެ ހުންނަވައި ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެއްޕާޓީ ޑީއާރުޕީ އާއި، މައުމޫން މިހާރު ހިންގަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.

މިޕާޓީތަކުގެ ތެރެއިން ބައެއް ޕާޓީތަކުން ވަނީ އިލެކްޝަނުން ދީފައިވާ މުއްދަތު އިތުރު ކޮށް ދިނުމަށް އެދިފަ އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނީ ކޮމިޝަނުން މުއްދަތު ދީފައިވަނީ ގާނޫނުގައި ބުނާ މުއްދަތަށް ކަމަށެވެ. ކޮވިޑާ، ކުޅިގެން 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދިން މުއްދަތަށް ލުއިދީފައިވީ ނަމަވެސް މިހާރު ދީފައިވާ މުއްދަތަށް އިތުރު ބަދަލެއް ނާންނާނެ ކަމަށް އެ ކޮމިޝަނުން ވަނީ އަންގައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ގާނޫނުގައި ބުނާގޮތުން 3،000 މެމްބަރުން ތިބި ކަމުގައިވާ ނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ 4 ޕާޓީއެއްގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އެވެ.

މި ޕާޓީތަކަށް ފިނޭންސް މިނިސްޓްރީން ވަނީ މިހާރު ފައިސާ ދޫކޮށްފަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.