މާލޭގެ ގެއެއްގެ ތަޅުންގަނޑު އަޑީގައި ވަޅުލާފައި ހުއްޓާ ރޭ އަތުލައިގަތް 42 ކިލޯގެ ހެރޮއިންގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންނަށް ދައުވާ ނުކުރުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓާ ހޯދާފައިވަނީ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އަދި އުމުރަށް ޖަލަށް ލާފައި ވަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލި ފަހުން މަސްތުވާތަކެތީގެ ޓްރެފިކިންގެ މައްސަލައިގައި ހައްޔަރުކުރި އަބްދުﷲ ނަޝީދެވެ.

މި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ޕީޖީ އޮފީހުން ބުނީ މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބި އެގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށެވެ. ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ. ލަވްނެސްޓަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަދި މި މައްސަލައިގެ ސީންގައި ކަންވީގޮތާ މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި ތަޙުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި މައްސަލައިގައި ހޯދިދާނެ ކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.