ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އިހުމާލުން ގާތިލަކު މިނިވަންވެއްޖެ އެވެ.

މިނިވަންވެފައިވަނީ 23 ސެޕްޓޭމްބަރު 2017 ވަނަ ދުވަހުގެ ރޭ 11:00 ހާއިރު މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ހިންގި ގްރީޕް މަރާމާރީއެއްގައި މަރާލި ވ. ކެޔޮދޫ، ދޭލިޔާގެ، މޫސާ އަހްމަދުގެ ގާތިލެއް ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.

ދައުލަތުގެ ފަރާތުން އެ މައްސަލާގައި އެކަކަށްވުރެ ގިނަ މީހުންނަށް ދައުވާކޮށްފައިވެއެވެ. ދައުވާކޮށްފައިވާ މީހުންގެ ތެރެއިން އދ. މާމިގިލި، ސޭޑީ ގްރޫވް، ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ދައުލަތުން އުފުލި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި މިއަދު ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ދިފާއީ ވަކީލުން ހުށަހެޅި ކަންތައްތަކަށާއި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވީ އެ މައްސަލާގައި ސައްމާހުގެ މައްޗަށް ދައުވާ އުފުލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ 30 ދުވަސް ފަހަނައަޅައި ދިޔަފަހުން ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ ބަންދުގައި ހުންނަ މީހެއްގެ މައްޗަށް ބަންދު ކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައުވާ ކުރަންވާނެ ކަމަށެވެ.

އެހެންކަމުން ސައްމާހު މިހާރު ވަނީ މިނިވަންކޮށްފަ އެވެ. އަދި އެ މަރުގެ މައްސަލާގައި އޭނާގެ މައްޗަށް ދެން ދައުވާއެއް ނުކުރެވޭނެ އެވެ.

ގާޒީ ހަސަން ސައީދު އެ ނިންމުން ނިންމީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަގާމުގައި ހުންނެވި ދުވަސްވަރު އެވެ.