މިފަހުން ރާއްޖެއިން ފެނުނު ކޮވިޑްގެ ބޮޑު ދެ ކްލާސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެމްއޭސީއެލް ކާގޯ ޑިޕާޓްމަންޓުން މިހާތަނަށް 102 މީހުން އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްފަޅު ހުރާއިން 107 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ދެ ކްލާސްޓާގެ ޕޮޒިޓިވް އަދަދު 100 އިން މައްޗަށް އަރާފައިވާއިރު، ކޮންޓެކްޓުންގެ އަދަދު ވެސް އުޅެނީ 100 އިން މަތީގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ފުރަތަމަ ކޭސް ފެނުނު އެމްއޭސީއެލްގެ ކާގޯ ޑިޕާޓްމަންޓު ކްލަސްޓާގައި 191 ކޮންޓެކްޓުން އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްފަޅު ހުރާ ކްލަސްޓާގައި 125 ކޮންޓެކްޓްސް މިހާތަނަށް އެބަތިބި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރަށްފަޅުހުރާ ކްލާސްޓާ އިން ފުރަތަމަ ފަހަރަށް މިމަހުގެ 15 ވަނަ ދުވަހު ނެގި 249 ސާމްޕަލްގެ ތެރެއިން 26 މީހަކު ވަނީ ޕޮޒިޓުވްވެފައެވެ. ރަންފަޅު ހުރާގެ ރިސޯޓް ޕްރޮޖެކްޓުގައި 2000 ވަރަކަށް މީހުން މަސައްކަތް ކުރަމުން އަނަނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.