ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކައަށް ހުރިހާ މުސްލިމުންގެ ކިބައިން މައާފަށް އެދުމަށް އިންޑިއާ އަށާއި ބީޖޭޕީއަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ.

ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގަ އެވެ.

މިމައްސަލައާއި ގުޅިގެން އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާން ނުޕުރް ޝަރްމާ އިސްލާމް ދީނާއި ކީރިތި ރަސޫލާގެ ޒާތުފުޅަށް ބަދުބަސް ބުނެ އެކަލޭގެފާނުގެ ކައިވެނި ފުޅުތަކާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި މިވާހަކަތަކަކީ މިއުއްމަތުގެ މާތް ނަބިއްޔާގެ އިތުރުން މުޅި އިސްލާމީ އުންމަތާއި ދެކޮޅަށް ބުނެފައިވީ ބަސްތަކެއް ކަމުން އެކަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.

"‎ކީރިތި ރަސޫލާއަކީ މުޅި އިސްލާމީ އުއްމަތާއި އެތައް ސަތޭކަ މިލިޔަން މުސްލިމުންނެއްގެ އިތުރުން އެތަކެއް ގައިރު މުސްލިމުންގެ ލޯތްބާއި ގަދަރުލިބިގެންވާ މާތް ޝަހުޝިއްޔަތެއް ކަމުގައި ވީހިނދު ކީރިތި ރަސޫގެ ޒާތުފުޅަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކަށް ތަހައްމަލު ކޮށް ކެތްކުރެވޭނޭ ކަމެއްކަމަށް ނުވާހިނދު އެންމެހާ މުސްލިމުންގެ ކިބައިން މާފަށް އެދުމަށް އިންޑިޔާ އަށާއި އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ޕާޓީއަށް ގޮވާލަމެވެ،" އެމްއެންޕީގެ ބަޔާނުގައިވެ އެވެ.

އިސްލާމްދީނަކީ އެންމެ މާތް އެންމެ މަތިވެރި ދީން ކަމަށާ ކީރިތި ރަސޫލާ އަކީ މުޅި އުންމަތަށް ރަހުމަތެއް ކަމުގައި ފޮނުއްވި މާތް ސާހިބާ ކަމުން އިންޑިޔާގައި ދިރިއުޅޭ އެތައް މިލިޔަން މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށް މިފަދަ ސާބިތު ނުހިފޭ ވާހަކަ ކުރިޔަށް އޮތް ތަނުގައިވެސް ތަކުރާރު ނުކުރުމަށް ބީޖޭޕީ އަށް އެމްއެންޕީން ވަނީ ގޮވާލާފަ އެވެ.

އެމްއެންޕީއިން އެކަން ކުށްވެރިކޮށް ބަޔާން ނެރެފައިވާއިރު އިދިކޮޅު ޕީޕީއެމް އަދި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީއިންވެސް ބީޖޭޕީއިން ތަރުޖަމާން ދެއްކި ވާހަކަ ކުށްވެރިކޮށް ބަޔާނެއް ވަނީ ނެރެފަ އެވެ.