އަންނަ އަހަރުގެ ފަހުކޮޅުގައި އޮންނަ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ ކުރިމައްޗަށް ނިކުންނާނެ ނަންތަކަކާމެދު އުފެދޭ ސުވާލުތައް އަންނަނީ ގިނަވަމުންނެވެ.

ސިޔާސީ މައިދާނުގައި ކަންތައް ހިނގަމުން އަންނަ ގޮތަށް ބަލާއިރު ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީއަށް ވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމުގައި އުނދަގޫތަކަކާ ކުރިމަތިވެފަ އެވެ. ނަގާ ކިޔާ އެހެން ޕާޓީތަކުގެ އަޑު ވަނީ ހިނދިފަ އެވެ. އާ މޫނުތަކެއް ވެރިކަމާ ކުރިމަތިލާނެކަމުގެ ވާހަކަ ދެކެވުނު ކަމަށް ވިޔަސް އެ ނަންތައް ވައިގައި ހިފާ ފަދަ ގޮތަކަށް މަސްރަހު ބަދަލުވެގެންދާ ތަނެއް ނުފެނެ އެވެ. އެހެންކަމުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުންނާ ހަމަޔަށް ކެންޑިޑޭޓުންގެ ގޮތުގައި އަންނާނެ ނަންތަކެއް މިވަގުތަށް އޮތީ އަންދާޒާކޮށްލުމެވެ.

އެމްޑީޕީގެ ކެންޑިޑޭޓަކީ ކާކު؟

"އެމްޑީޕީ ވެރިކަމަށް އަންނަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑަކީ ޗޮއިސް އެއް،" މިއީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުދަ ދުވަހު ވިދާޅުވި ބަސްފުޅެކެވެ.

އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީއަށް ވެރިކަމަށް އާދެވެން އޮތް ހަމަ އެކަނި "ޗޮއިސް"އަކީ އެމަނިކުފާނު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އެ މަނިކުފާނު ހުންނެވީ އެކަމަށްޓަކައި ލޮލާއި ބޮލުން އެދިވަޑައިގެންނެވެ. ރިޔާސީ ޕްރައިމަރީއަކަށް ދާން ޖެހުނަސް އެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ދޭހަވާ ގޮތަށް އެ މނިކުފާނު ވަނީ ވެރިކަމަށް ކުރިމަތި ލައްވާނެކަމުގެ ޝައުގުވެރިކަން މިދިޔަ ބުދަ ދުވަހު ފާޅުކުރައްވާފަ އެވެ.

އެފަދަ އިންތިޚާބެއްގައި ވާދަކުރައްވައި ކާމިޔާބުކުރައްވާނެކަމުގެ ޔަގީންކަން އޮތް މޭރުމުން އެމަނިކުފާނު ވާހަކަފުޅުދެއްކެވުމުގެ ފަހަތުގައިވާ ސިއްރަކީ ފަހަކަށް އައިސް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުން ލިބިވަޑައިގެންނެވި ކާމީޔާބީތައް ކަމަށް ވެދާނެ އެވެ. އެހެން ނަމަވެސް އެއީ އަދި އެހާ ފަސޭހަ ކަމަކަށް ނުވާނެކަން އެނގުނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަން ނުސީދާ ގޮތެއްގައި ރައީސް ސޯލިހު ފާޅުކުރެއްވުމާއެކު އެ ޕާޓިގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ނުރުހުން ފާޅުކުރައްވައި ދެއްކެވި ވާހަކަފުޅުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2022 ވަނަ އަހަރުގެ ތެރޭގައި ފުރަތަމަ ބޭއްވި ފުރަތަމަ ނޫސްކޮންފަރެންސްގައި (8 ޖޫން 2022) ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ މިއީ ވެރިކަމަށް ފައިނަގަންވީ ވަގުތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގައުމުގެ ރިޒާވް އިތުރުކޮށް އިގްތިސާދު ހަމަޔަށް އަޅުވަންޖެހޭ ކަމުގައި ވިދާޅުވެ އެމަނިކުފާނު ވަނީ ސަރުކާރަށް އިތުރު ޕްރެޝަރު ކުރައްވާފަ އެވެ. މި ހިސާބުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ފެށުނީއްސުރެ ކުރައްވަމުން ގެނަދަވާ މަސައްކަތްޕުޅަށް ދޫދެއްވުމެއް ނެތްކަން އެނގެ އެވެ. ނަމަވެސް ކަންތައްތައް މިހާރު ބަދަލުވެފައިވާ ގޮތުން އެ މަންޒަރުން ރައީސް ނަޝީދު ފެނުމަކީ ދުރުކަމެކެވެ. އަދި ރައީސް ނަޝީދު ވެރިކަމަށް ދަހިވެތިވެފައި ހުންނެވިވަރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުކަން ހޯއްދެވުން ރައީސް ސޯލިހު ހީފުޅުކުރައްވާހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ޕީޕީއެމްއަށް ވެސް ކެންޑިޑޭޓެއްގެ ސުވާލު ބޮޑު

އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާއި ޕީއެންސީ ސިޔާސީ ގޮތުން ބެލެވެނީ އެއް ޕާޓީއެއްގެ ގޮތުގަ އެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމުނު ހިސާބުން ވެސް އެ ދެ ޕާޓިން ބުނަމުން އަންނަނީ އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އެ މަނިކުފާނު ޖަލުގެ ތޭރިތަކުގެ ފަހަތުގައި އޮންނަވަން ޖެހި ވަޑައިގެންނެވި އިރު ވެސް ދެބަހެއް ނުބުނެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކާއެކު މިވަގުތު ޖަލުން މިނިވަންވެ ވަޑައިގެން ހުންނެވި ރައީސް ޔާމީނަކީ ޕީޕީއެމް އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ކަމުގައި އެ ދެޕާޓީ އިން ބުނަމުން ގެންދިޔަ ކަމުގައި ވިޔަސް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު އަދި އެކަމާ ވިސްނާވަޑައި ނުގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ ހުރިހާ ފޯކަސް އެއް މިވަގުތު ހުރީ "އިންޑިއާ އައުޓް" ކެމްޕެއިނަށެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ހަފްލާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ.. ފޮޓޯ: ޕީޕީއެމް

އަނެއްކޮޅުން ބަލާއިރު ކުރިޔަށް އޮތް ކޯޓު ކޭސް ތަކުގައި އެމަނިކުފާނު ތާށިކޮށް އިންތިޚާބުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ގޮތް ހެދުމަކީ ވެސް ގާތުގައި އޮތް ކަމެކެވެ. ދަށު ކޯޓުން ކޮށްލާ އެންމެ ހުކުމަކާއެކު އެކަން އެގޮތަށް ވާނެ އެވެ. ރާއްޖޭގެ ޝަރުއީ ދާއިރާގެ ކަންތައް އޮތް ގޮތުން އެފަދަ ހުކުމެއްގެ އިސްތިއުނާފު މަރުހަލާ ނިމެން އެތައް މަހެއް ނުވަތަ އަހަރެއް ވެސް ނެގުން ގާތެވެ. އެހެންކަމުން ޕީޕީއެމް /ޕްރޮގްރެސިވް ކޯލިޝަންގައި ވެސް ޔަގީންކުރެވޭ ރިޔާސީ ކެންޑިޑޭޓެއް ރައްޔިތުންނަށް ފެންނާކަށް ނެތެވެ.

ނަންހިނގާ އެހެން ޕާޓީތައް ކޮބާ؟

އާ ގާނޫނު އަސާސީއެއްގެ ދަށުން ގިނަ ޕާޓީތަކާއެކު ރާއްޖޭގައި ފުރަތަމަ ރިޔާސީ އިންތިޚާބު ބޭއްވީ ސުރެ އިންތިޚާބުތަކުގައި ތިންވަނަ ޕާޓީއެއްގެ ގޮތުގައި އަބަދު ވެސް އޮންނަނީ ގާސިމް އިބްރާހިމްގެ ޖުމުހޫރީ ޕާޓީ އެވެ. އެ ޕާޓީ އުފަންވީއްސުރެ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމެވެ.

ފުރަތަމަ ބުރުގައި ވާދަކުރެއްވުމަށް ފަހު ދެވަނަ ބުރު ކޮންމެ ޕާޓީއަކުން ކާމިޔާބު ކުރިކަމުގައި ވިޔަސް އެ ކާމިޔާބުކުރާ ޕާޓީއަކަށް އެކަންވެފައި އޮންނަނީ ގާސިމްގެ އެހީއާއެކު އެވެ.

ގާސިމް އިބްރާހީމް ރައީސް ސާލިހާއި ރައީސް ނާޝީދާއެކު ކޮމަންޑޫ ދާއިރާގެ ކެޕްމެއިން ޖަލްސާގައި

ގާސިމް މިވަގުތު ހުންނެވީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ އަރިހުގަ އެވެ. އިންތިޚާބުތަކުގައި އެމަނިކުފާނު ފެނިފައި ވަނީ ރައީސް ސޯލިހާއެކު އެމްޑީޕީއަށް ކެމްޕޭންކުރައްވާ ތަނެވެ. މިކަން މިހެން އޮތުމާއެކު ރައީސް ސޯލިހު ކޯލިޝަނަކާއެކު ނިކުމެވަޑައިގެން ވެރިކަން ކާމިޔާބު ކުރައްވާނެ ކަމުގައި ވިދާޅުވުމުން ގާތްގަނޑަކަށް ޔަގީންވާ ގޮތުގައި ކުރިޔަށްއޮތް އިންތިޚާބުގައި ޖުމުހޫރީ ޕާޓީއަކުން ކެންޑިޑޭޓަކު ނުނެރޭނެ އެވެ.

ޖުމުހޫރީ ޕާޓީ ނެގުމަށް ފަހު ރާއްޖޭގައި އޮތް އެންމެ ނުފޫޒުގަދަ ޕާޓީ، އަދާލަތަކީ ރިޔާސީ އިންތިޚާބަށް ވާދަކުރުމުގެ ޝައުގު އޮންނަ ޕާޓީ އެއް ނޫނެވެ. އެ ޕާޓީގެ ހަރަކާތްތައް ހުންނަ ގޮތަށް ބަލާއިރު އެ ޕާޓިން ބޮޑަށް ބަލަނީ ޕާޓިގެ އެއިސް ބައެއް ބޭފުޅުންނަށް ސިޔާސީ މަންފާ ލިބޭނެ ގޮތަކަށް ކަންތައް އަތުރާލަން ކަމަށް ފެނެ އެވެ. އެހެންކަމުން އެ ޕާޓިން މިވަގުތު ރައީސް ސޯލިހުގެ ފަހަތްޕުޅުގައި އޮތް އޮތުން ރިޔާސީ އިންތިޚާބުގައި ވެސް ދަމަހައްޓާނެ ކަމަށް ބުނެވިދާނެ އެވެ.

އެމްޑީޕީ އާއި ޕީޕީއެމްއަށް ކެންޑިޑޭޓެއް ކަނޑައެޅުމުގައި މައްސަލަތައް ކުރިމަތިވެ، ބޮޑެތި އެހެން ޕާޓީތަކުން ކެންޑިޓޭޓުން ނެރުމުމުގެ ޝައުގު ފާޅުނުކުރާއިރު، ކުރިޔަށް އޮތް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުންނާމެދު ރައްޔިތުންގެ ހިތުގައި ސުވާލުތަކެއް އުފެދެ އެވެ. އެ ސުވާލުތަކަށް މިވަގުތު ލިބޭނެ ފުރިހަމަ ޖަވާބެއް ނެތެވެ.

ބޮޑެތި ޕާޓީތަކުން ވެރިކަމަށް ވާދަކުރައްވާނެ ކަމަށް ބެލޭ ބޭފުޅުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ޔާމީނާއި ރައީސް ނަޝީދެވެ. މިއިން އެއްވެސް ބޭފުޅަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެކަން އަދި ޔަގީނެއް ނުވެ އެވެ. ޔަގީންވާ ކަމަކީ އެ ތިން ބޭފުޅުންގެ މެދުގައި ރިޔާސީ ޓިކެޓް ބެހިގެންދާ ގޮތެއްގެ ސަބަބުން ސިޔާސީ ކުޅިބަޔަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެވެ. އެކަމަށްޓަކައި ގަދަ ހިފުމަކަށް ދާނެކަމެވެ.