އިގްތިސާދީ ބޮޑު ކާރިސާއަކާއި ކުރިމަތިވެފައިވާ ސްރީލަންކާއަށް އެހީ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅު ކާމިޔާބުނުވާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވެފައިވަނީ ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޑރ. ހަރްޝާ ޑި ސިލްވާ ދެއްވި ޕްރެސް ކޮންފަރެންސްގަ އެވެ.

ނޫސްވެރިންގެ ބައްދަލުވެއްގައި ވާހަކަ ދައްކަވަމުން ޑރ. ޑިސިލްވާ ވިދާޅުވީ ލަންކާއަށް އެހީ ހޯއްދަވަން ރައީސް ނަޝީދު ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއަށް ގުޅުއްވުމުން މުހައްމަދު އެއްވެސް އެހީއެއް ނުދެއްވިކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ.

އޭނާ ވިދާޅުވީ ލަންކާގައި އިގްތިސާދީ ކާރިސާއިން އަރައިގަތުމުގެ ރަނގަޅު ޕްލޭނެއް އޮތްތޯ ސުވާލު ކުރެއްވި ކަމަށެވެ.

"މުހައްމަދު ބިން ސަލްމާން އެއްސެވީ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ލަންކާގެ އެއްވެސް ރަނގަޅު ޕްލޭނެއް އެބައޮތްތޯ. އެފަދަ ޕްލޭނެއް ނެތި ދެން އެކަމާ ގުޅޭގޮތުން ފޯނު ނުކުރެއްވުމަށް މުހައްމަދު ބިން ސަލްމާން ނަޝީދު ގާތު ވިދާޅުވި،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޔޫއޭއީގެ ރައީސް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްއަށް ވެސް ރައީސް ނަޝީދު ފޯނުކުރެއްވި ކަމަށާއި، ނަމަވެސް ޔޫއޭއީ އިން އެހީތެރިވާން ވިސްނާނީ ލަންކާގައި ހުރި ވިއްކޭނެ ހަރު މުދަލުގެ ލިސްޓެއް ފޮނުވުމުން ކަމަށް ޝައިހް މުހައްމަދު ބިން ރާޝިދު ވިދާޅުވި ކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްރީލަންކާ ސަރުކާރުން މިހާތަނަށް އަމަލު ކޮށްފައިވާ ގޮތުން މިހާތަނަށް ދުނިޔޭގެ ގައުމުތަކުން ވަނީ އެ ގައުމަށް އެހީ ފޯރުކޮށް ދިނުމަށް ދެކޮޅު ހަދާފައި ކަމަށެވެ. އެގޮތުން އެތައް މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައިވާއިރު ތަކުރާރުކޮށް އެހީއަށް އެދެނީ ކީއްވެތޯ އިންޑިޔާއިން ވެސް ސުވާލުކުރާ ކަމަށް ޑރ. ޑި ސިލްވާ ވިދާޅުވިފައިވެ އެވެ.

ބޭރު ގައުމުތަކުން ލަންކާއަށް އެހީ ހޯއްދެވުމުގެ މަސައްކަތް ރައީސް ނަޝީދާ ހަވާލުކުރެއްވީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހާއި ރައީސް ނަޝީދާއި ކުރެވުނު މަޝްވަރާގެ ތެރެއިން ރައީސް ނަޝީދު އެކަމަށް އެދިވަޑައިގަތުމުންނެވެ.