އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް ބެލެވޭ ސިޔާސީ ލީޑަރުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި ހެޔޮވެރިކަމެއް ކުރެއްވޭނެ، އަހުދު މަތީގައި ދެމިހުންނެވޭނެ ވެރިއަކު ނެތް ކަމަށް ވިދާޅުވެ، ދެ ވަނަ ދައުރަކަށް އެ މަނިކުފާނަށް ތާއީދުކުރައްވާ ކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު އިއުލާންކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގެ ވަޒީރުން މިއަދު އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވުމަށް އެންޑޯސް ކުރައްވަމުން ދާއިރު ވަޒީރުންގެ ތެރެއިން ދެވަނައަށް މިކަމަށް ތާއީދު ކުރެއްވި ވަޒީރަކީ އަސްލަމް އެވެ.

އަސްލަމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ކުރެއްވި ވެރިކަން މި ގައުމުގައި އިޔާދަވާކަށް އޭނާ ބޭނުން ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޔާމީން މިނިވަންވެފައި ހުންނެވުމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ މިހާރު ބެލެވޭ ގޮތުގައި ޔާމީން ކަމަށާއި އެ މަނިކުފާނު ދެން ވެސް ބަލިކޮށްލެވޭނީ ސިޔާސީ ކަންކަމުގެ އިސް ސަފުން މިހާރު ފެންނަ ސިޔާސީ ލީޑަރުންނަށް ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު ބައިވެރިވާ ދެ ވަނަ ވެރިކަން މިއީ، ވަރަށް ގިނަ ކަންކަން ފެނިއްޖެ، ތަޖުރިބާތަކެއް ކުރެވިއްޖެ. ވާދަވެރި އިންތިހާބުތައް ބާއްވަން ފެށި ފަހުން، އެންމެ އަނިޔާވެރިކޮށް، މީހުން އެ މީހަކު ދެކެ އެންމެ ބިރު ގަންނަ ވެރިކަމެއް ކުރެއްވީ ރައީސް ޔާމީން. އަޅުގަނޑު ދެކެން ބޭނުންވާ ދުވަހެއް ނޫން، ރައީސް ޔާމީން އަނބުރާ މި ރާއްޖޭގެ ވެރިކަމަށް އައުމަކީ،" އަސްލަމް ވިދާޅުވި އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިނިސްޓަރު މާރިޔާގެ ތާއީދު ރައީސް ސޯލިހަށް އޮތްކަން ހާމަކުރައްވައި ކުރެއްވި ޓުވީޓުގައި ވަނީ 2018 ވަނަ އަހަރު ރައީސް ސޯލިހު އިންތިހާބުވުމަށްފަހު މިއަދާ ހަމަޔަށް އެމަނިކުފާނު ވަނީ ލީޑަޝިޕް ކޮލިޓީއާއި ގައުމު ހިންގެވުމުގެ ގާބިލްކަން ދައްކަވާފައި ކަމަށެވެ.

ރައީސް ސޯލިހު ވަނީ ގުޅިގެން އެއްބައިވަންތަ ކަމާއެކު މަސައްކަތްކޮށް، ގައުމަށް ގިނަ އިސްލާހީ ބަދަލުތައް ގެނެސްފައި ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ގައުމަށް އިތުރު ކުރިއެރުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

އީސް ސޯލިހުވަނީ އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އެންމެފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި އިއުލާން ކުރައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންވާނަމަ އެމަނިކުފާނަކީ އެންމެ ރަނގަޅު "ޗޮއިސް" ކަމަށާއި ކޯލިޝަނާ އެކު ނިކުމެވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.