މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މާލެ ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ދޫކުރުމަށް މިމަހުގެ 26 ވަނަ ދުވަހު އިއުލާންކުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ފުރަތަމަ 3،000 ގޯތި ދޫކުރުމަށްޓަކައި މިމަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރައްވާފަ އެވެ. ރައީސްގެ މިނިންމެވުމާ އެއްގޮތަށް ޕްލޭނިން މިނިސްޓްރީން ގެންދަވަނީ ގޯތިތަކަށް ކުރިމަތިލުމުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލުމަށް މަސައްކަތް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ މާލޭ ސަރަހައްދުން ގޯތި ދިނުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުވާލުކުރައްވާފަ އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ގާތްގަނޑަކަށް ނިމުމާއި ހަމައަށް ގޮސްފައިވާ 1،344 ހައުސިން ޔުނިޓަކަށް ކުރިމަތިލައި އެތަންތަނުގައި ދިރިއުޅެވޭނެމަގު ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި 4،000 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މީގެއިތުރުން މާލެ ސަރަހައްދުން ގޯތި ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް މިމަހުގެ 26ވަނަ ދުވަހު ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ގޯތިތަށް ދޭނެ ސަރަހައްދަކާއި، އަދި ގޯތިތަކާގުޅޭ މާބޮޑު ތަފްސީލެއް އަސްލަމް ނުދެއްވަ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2،000 ގޯތި ދޫކުރުމުގެ މަޝްރޫއެއް ރައީސް ވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި ދެއްވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފަ އެވެ. އަދި ހުޅުމާލެއިން 1،000 ގޯތި ދޫކުރުމަށް ވެސް ނިންމާފައިވެ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިން މަޝްރޫއުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5،000 ހައުސިން ޔުނިޓް ހަމަޖެއްސުމަށް ނިންމައި އިތުރު 2،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށްވެސް ދިމާވެފައިވާ އިޖުތިމާޢީ އެންމެބޮޑު މައްސަލައަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއްނެތި ދަތި ޙާލުގައި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެންޖެހުމެވެ. މިމައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން 2،159 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި، އަދި 2023ވަނަ އަހަރު 2،429 ޔުނިޓު ނިމޭނެ ކަމަށާއި 2024ގެ ނިޔަލަށް 3،361 ހައުސިން ޔުނިޓުގެ މަސައްކަތް ނިމި ރައްޔިތުންނަށް އޭގެ މަންފާކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.