ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝް މީހެއްގެ ގަޔަށް ވަޅި ހަރައި މަރައިލި މައްސަލައިގައި ޕާކިސްތާނުގެ މީހެއް ކަމަށްވާ މުހައްމަދު އާބިދުގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޚާންޖީ ރެސްޓޯރަންޓްގައި މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ހިނގި ހާދިސާގައި އެތަނުގެ ޝެފަކަށް މަސައްކަތްކުރާ އާބިދު ވަނީ އެ ތަނުގައި މަސައްކަތް ކުރާ ވެއިޓަރަކަށް ބޮޑު ވަޅިއަކުން އެތައް ފަހަރަކު ހަމަލާ ދީފަ އެވެ. ކަރާއި ހަށިގަނޑު އެކި ގުނަވަންތަކަށް ފުން ޒަހަމުތައް ދީފައި ހުއްޓެވެ. އެ ހަމަލާތަކާއި ގުޅިގެން ވަގުތުން އޭނާ މަރުވި އެވެ.

މި މައްސަލަ އާއި ގުޅިގެން ދައުލަތުން އާބިދުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެ އެވެ.

މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. އެކަމަކު ވާރިސުން މަރުގެ ދިޔަ ހޯދައި މައާފުދީފިނަމަ ނުވަތަ މަރުގެ ދިޔަ ނުހޯދައި މައާފުދީފި ނަމަ މަރަށް މަރު ނުހިފައި ތައުޒީރީ އަދަބެއް އެމީހާގެ މައްޗަށް ކަނޑައެޅޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ބަންގްލަދޭޝް މީހާ ގަޔަށް ވަޅި ހަރައިގެން ހޮސްޕިޓަލަށް ގެންދިޔައީ އެ ދުވަހުގެ ހަވީރު 5:30 ވާން އުޅެނިކޮށެވެ. ނަމަވެސް އެ މާރަމާރީ ހިންގާފައި ވަނީ އޭގެ ދޮޅު ގަޑިއެއްހާ އިރު ކުރިން ކަމަށް ބެލެވެ އެވެ.

އެ ގަޑީގައި ފިލަން އެތައް ވަގުތެއް އަބީދަށް ލިބުނެވެ. ފުލުހުން ހާންޖީ ރެސްޓޯރަންޓަށް ދިޔައިރު އޮތީ ސީން ނައްތާލައިފަ އެވެ. އަދި މަރުވި މީހާގެ ގައިން އޮހޮރުނު ލޭތައް ވަނީ ރެސްޓޯރަންޓުގެ ހުރިހާ ތަނަކުން ސާފު ވެސް ކޮށްފަ އެވެ. އޭނާގެ ހަށިގަނޑު ވެސް އޮތީ ފެން އަޅައި ދޮވެފަ އެވެ.