ދުވަހުގެ އެންމެ މުހިންމު ނާސްތާ ކަމަށް ސިއްހީ މާހިރުން އިއްތިފާގުވާ ހެނދުނުގެ ނާސްތާ ނުނަގާ އަދި ރޭގަނޑުގެ ލަސްކޮށްފައި ކާނަމަ ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ ބޮޑުކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީ (އީއެސްސީ)ގެ ޖާނަލްއެއް ކަމަށްވާ ޔޫރަޕިއަން ޖާނަލްސް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާއިއު ކޮށްފައިވާ އެ ދިރާސާއަކީ ބްރެޒިލްގެ ސައޯ ޕޯލޯގެ ސައިންޓިސްޓުންތަކެއް ހެދި ދިރާސާ އެކެވެ.

އެ ދިރާސާގައި 113 ބަލިމީހުން ކޮށްފައިވާއިރު، އޭގެ ތެރެއިން 73 ޕަސެންޓް މީހުންނަކީ 60 އަހަރުގެ ފިރިހެނުންނެވެ. އަދި އެ އެންމެންނަކީ ވެސް ހާޓް އެޓޭކްގެ ސީރިއަސް އެޕިސޯޑެއް ތަޖުރިބާ ކޮށްފައިވާ މީހުންނެވެ.

އެގޮތުން ދިރާސާގައި ބައިވެރިވި މީހުންގެ ކައިރިން ކެއުމުގެ އާދަތަކާ ގުޅޭގޮތުން ސައިންޓިސްޓުން ސުވާލުކޮށް މައުލޫމާތު އެއްކުރި އެވެ. އެއްކުރި މައުލޫމާތަށް ބަލާއިރު ބަލި މީހުންގެ ތެރެއިން 58 ޕަސެންޓަކީ ހެނދުނުގެ ނާސްތާ ނުނަގާ މީހުންނެވެ. ރޭގަނޑުގެ ކެއުން ލަސްކުރާ މީހުންގެ ޕަސެންޓަކީ 51 އެވެ.

ހެނދުނުގެ ނާސްތާ ނުނަގައި ރޭގަނޑުގެ ކެއުން ލަހުން ނަގާ މީހުންނަކީ މައުލޫމާތު އެއްކުރި މީހުންގެ 41 ޕަސެންޓެވެ.

އެ މައުލޫމާތުތަކަށް ބިނާކޮށް ސައިންޓިސްޓުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ހެނދުނުގެ ނާސްތާ އާންމުކޮށް ނުނަގާ އަދި ނިދުމުގެ މަދުވެގެން ދެ ގަޑިއިރު ކުރިން ރޭގަނޑު ކާ މީހުންނަށް ހާޓް އެޓޭކެއް ޖެހިއްޖެނަމަ އެކަމުން ސަލާމަތްވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައިވަނީ، ކެއުމުގެ އެ ދެ އާދަ ހުންނަ މީހުންނަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާތާ 30 ދުވަހުގެ ތެރޭގައި އެމީހަކު މަރުވުން ނުވަތަ އިތުރު ހާޓް އެޓޭކެއް ޖެހުން ނުވަތަ މޭގައި ރިއްސުން ދިމާވުން ހަތަރެއް ނުވަތަ ފަސް ގުނަ އިތުރުވުން އެކަށީގެންވާ ކަމަށެވެ.

ދިރާސާގައި އިސްކޮށް އުޅުނު ޑރ. މާކޮސް މިނިކޫޗީ އިރުޝާދު ދީފައިވަނީ، ނިދުމާއި ރޭގަނޑުގެ ކެއުމާ ދެމެދު މަދުވެގެން ދެ ގަޑިއިރުގެ ވަގުތެއް ބޭއްވުމަށެވެ.