ސިޔާސީ ޕާޓީތަކަށް ލިބޭ އާމްދަނީއާއި ޚަރަދުތައް ބަލަހައްޓަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށްތޯ ބަލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕާޓީތަކުގެ އޮފީސްތަކަށް ދާން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއަށް ލިބޭ އާމްދަނީއާއި ޚަރަދު ޕާޓީތަކުން ބަލަހައްޓަމުންދަނީ ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށްތޯ ބެލުމުގެ ގޮތުން، އެކޮމިޝަންގެ އިންޓާނަލް އޮޑިޓް ޓީމެއް ދައުލަތުން ފައިސާ ދޭ ހަތަރު ޕާޓީގެ އޮފީސްތަކަށް ދާގޮތަށް ކޮމިޝަނުން ހަމަޖައްސައި، އެކަން ފަށާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ނަމަވެސް ދައުލަތުން ފައިސާ ދޫކުރަނީ ގާނޫނުގައިވާ ގޮތަށް 10،000 މެންބަރުން ހަމަވާ ހަތަރު ސިޔާސީ ޕާޓީއަކަށެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންޓާނަލް އޮޑިޓް ޓީމުން ބަލާނީ އެ ހަތަރު ސިޔާސީ ޕާޓީން ފައިސާ ޚަރަދުތައް ކުރާގޮތް ކަމަށެވެ. އަދި އެޕާޓީތަކުން ޚަރަދުކުރާގޮތް ބަލަމުންދާނީ ސިޔާސީ ޕާޓީތައް ރަޖިސްޓްރީކޮށްފައިވާ ތަރުތީބުން ކަމަށާއި، އެންމެ ފުރަތަމަ އޮޑިޓު ޓީމުން ދާނީ އެންމެ ގިނަ ދުވަސްވީ ޕާޓީ ކަމަށްވާ އެމްޑީޕީގެ އޮފީހަށް ކަމަށް ވެސް އީސީން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކަށް ލިބޭ އާމްދަނީއާއި އެ ޕާޓީތަކުން ކުރާ ޚަރަދުތައް ހިމެނޭ ލިޔެކިޔުމަކީ ކޮންމެ ވަގުތެއްގައި ވެސް އިލެކްޝަންސް ކޮމިޝަނަށް ބެލޭނެ ލިޔެކިޔުންތަކެކެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ގާނޫނާ ޚިލާފަށް ފައިސާއާއި ތަކެތި ހޯދައިފިނަމަ އަގުގެ ދެގުނައަށް ވުރެ ބޮޑުނޫން އަދަދަކުން އެ ޕާޓީއެއް ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އަދި އެ ލިޔެކިޔުންތައް އެއްވެސް ސިޔާސީ ޕާޓީއަކުން ބަލަހައްޓަމުން ނުދާނަމަ ނުވަތަ އިލެކްޝަންސް ކޮމިޝަނަށް މާލީ ރިޕޯޓް ހުށަނާޅައިފިނަމަ 20،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެ އެވެ.
ސިޔާސީ ޕާޓިތަކަށް ފައިސާދިނުމުގެ އުސޫލަށް އިސްލާހު ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އީސީން ޑްރާފްޓުކުރި ބިލުގައިވާގޮތުން ޕާޓިތަކުގެ މެންބަރުންގެ އަދަދަށް ފައިސާ ދިނުމަގެ ބަދަލުގައި ޕާޓިތަކަށް ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާދިނުމަށް ވަނީ ބަޔާންކޮށްފަ އެވެ.