އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެކައްޗަކީ ފެން ކަމުގައި ވާއިރު ކޮންމެ ދުވަހަކުވެސް މަދުވެގެން 8 ތަށި ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ބޭނުންވާ ވަރަށް ފެން ނުބޯނަމަ ސިއްހީ ގިނަ މައްސަލަތަކެއް ނުކުމެ އެވެ.

އެގޮތުން ހަށިގަނޑުން ފެން މަދުވެއްޖެނަމަ، ހަށިގަނޑުގައިވާ އެހެނިހެން ގުނަވަންތަކުގެ މަސައްކަތަށް ބުރޫ އަރަ އެވެ. ނަތީޖާއެއްގެ އެތެރެ ހަށީގެ ގުނަވަންތައް ފެއިލްވެ ފުރާނައަށް ވެސް ނުރައްކާވެ އެވެ.

ހަމައެއާއެކު ހަށިގަނޑުން ފެން މަދުވުމަކީ ނުވަތަ މަދުން ފެން ބުއިމަކީ ހަމުގެ މައްސަލަތަކަށްވެސް މަގުފަހިވާ ކަމެކެވެ. އެގޮތުން ހަންގަނޑު ކުރަކި ވުމާއި، ހަންފޮޅުމާއި ހިރުވުން ފަދަ ކަންކަމަކީ ހަށިގަނޑުން ފެން މަދުވެއްޖެނަމަ ދިމާވެދާނެ ކަންކަމެވެ.

ހަމައެހެންމެ މަދުން ފެން ބުއިމަކީ ކިޑްނީ މައްސަލަ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކޮށްދޭ ކަމެކެވެ.

ކިޑްނީ އަކީ ހަށިގަނޑު ސާފު ކުރުމުގެ މަސައްކަތް ކުރާ ގުނަވަނެއް ކަމުން އެ ގުނަވަނުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް "ފެން" ވަރަށް ބޮޑު ދައުރެއް އަދާ ކުރެ އެވެ.

ހަށިގަނޑުން ފެން މަދުވުމަކީ ބަނޑުހައިކަމުގެ އިހުސާސް ވެސް އަވަސް އަވަހަށް ކުރުވާ ކަމެކެވެ. ކިތަންމެ ގިނައިން ކެއި ނަމަވެސް އެކަށީގެންވާ މިންވަރަށް ފެން ނުބޮވޭނަމަ ބަނޑުހައިކަން އިހުސާސު ވާނެ އެވެ. ނަތީޖާއަކީ މާ ގިނައިން ކެވި ބަރުދަން އިތުރުވުމެވެ.

އެހެން ކަމުން ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަށް އިސްކަން ދޭން ޖެހެ އެވެ.