ބޮލީވުޑްގެ އެންމެ މޮޅު އެކްޝަން އެކްޓަރުން ލީޑް ރޯލުން ފެނިގެންދާ އެކްޝަން ފިލްމު "ބާޕާ"އިން ޓީވީ އެކްޓަރު ދިވްޔަންކް ޕަޓިދާރު ބޮލީވުޑަށް ނުކުންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެންމެ ފަހުން ޓީވީ ޝޯ "ކަހާން ހަމް ކަހާން ތޫމް" އިން ފެނުނު އެކްޓަރު ދިވްޔަންކް ޕަޓިދާރު ބޮލީވުޑަށް ތައާރަފް ކުރަނީ ޖެކީ ޝްރޮފް، ސަންޖޭ ދަޓް، މިތޫން ޗަކްރަބަތީ އަދި ސަނީ ޑިއޯލް ހިމެނޭ ގޮތަށް ކުރިއަށް އޮތް އެކްޝަން ފިލްމު "ބާޕް" އިންނެވެ.

މިފިލްމާ ބެހޭ ގޮތުން ދިވްޔަންކް ބުނީ މިހާ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ލިބުމުން އުފާ ކުރާ ކަމަށެވެ.

"އެއީ އަހަންނަށް ހުވަފެނެއްގެ ޑެބިއުއަކަށް ވާނެ. އަހަންނަށް ހީވަނީ ޓީވީ ޝޯތަކާއި ޑިޖިޓަލް ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމަށްފަހު މިގޮތަށް ވަގުތު އަހަންނަށް ފަހިވެއްޖެނަމަ ބޮލީވުޑްގެ ފުރުސަތުތައް ލިބޭނެހެން. އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން މި ޕްރޮޖެކްޓް އަހަރެންގެ މަގަށް އަންނަތީ." ދިވްޔަންކް ބުންޏެވެ.

ދިވްޔަންކް ފެނިގެން ގޮސްފައިވާ ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި "ފަނާ: އެން އިމްޕޮސިބަލް ލަވް ސްޓޯރީ" އާއި އިޝްގް ސުބްހާން ﷲ" އާއި "ކަސަމް ސޭ" އަދި "ޖޯދާ އަކްބަރު" ފަދަ މަޝްހޫރު ސޯތަކެއް ހިމެނެ އެވެ.

ދިވްޔަންކް އިތުރަށް ބުނީ "ފިލްމުގައި އަހަރެން ކުޅެނީ ރޯހިތުގެ ރޯލު. އަދި އަހަރެން ފިލްމުގައި ޖެކީ ސާގެ ކޮއްކޮގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާނެ" އެވެ.

ދިވްޔަންކް ބުނި ގޮތުގައި އޭނާ އަކީ ރިތިކް ރޯޝަންގެ ބޮޑު ފޭނެކެވެ.

"ބާޕާ"ގެ މަސައްކަތްތައް މި މަހުގެ 14 ވަނަ ދުވަހު ފެށިގެން ކުރިއަށދާއިރު ޝޫޓިން ކުރިއަށް ގެންދަން ނިންމާފައިވަނީ މުމްބާއީގަ އެވެ.

އެކްޝަން ފިލްމުތައް ކަމުދާ މީހުންނަށް ހާއްސަ ވާނެ އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު ކަމަށާއި ފިލްމު ރިލީޒް ކުރާނީ ގިނަ ބަޔަކު ފިލްމު ބަލަން ވަންނާނެ ޗުއްޓީއަކާ ދިމާކޮށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ހާއްސަކޮށް މި ހަތަރު ތަރިންނަކީ އެމީހުންގެ ޒަމާނުގައި އެންމެ މަގުބޫލު ފަންނާނުންނަށް ވުމާއެކު، މިހާރު ވެސް އެމީހުންގެ ބޮޑު ފޭން ބޭސްްއެއް އޮންނާނެތީ، ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.