ކަށިކޭލަކީ ދިވެހިންގެ ކެއްކުމުގައި ޒަމާނުއްސުރެ ބޭނުން ކުރަމުން އައި ބާވަތެކެވެ. އެކި ގޮތްގޮތަށް ބޭނުން ކުރެވޭ މި މޭވާ ދިވެހިން ބޭނުން ކުރަމުން އައީ އެއިން ލިބޭ ފައިދާތައް ނޭނގި ތިބެ އެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކަށިކެޔޮ މުލުގައި އެންޓިއޮކްސިޑެންޓްގެ ބާރު ހުރެ އެވެ.

އެގޮތުން ޕޮލީފީނޯލް އަދި ފްލޭވެނޮއިޑްތައް ފަދަ ކެމިކަލްތައް މީގެ މުލުން ވަނީ ހޯދިފަ އެވެ. އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދީ މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.

މީގެއިތުރުން ކަށިކެޔޮ ފަތުގައި ވެސް ފައިޓޯ ކެމިކަލްތަކާއި އެންޓި އޮކްސިޑެންޓްތައް އެކުލެވެ އެވެ. އޭގެ ތެރޭގައި، ކާބޯހައިޑްރޭޓް، އެލްކަލޮއިޑްސް، ސްޓީރޮއިޑްސް، ސްޓީރޯލްސް، ފީނޯލްސް، ޕްރޮޓީންސް، އަދި ގްލައިކޯސައިޑްސް ފަދަ މާއްދާތައް ހިމެނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކަށިކޭލުގައި އެކި ބައިތަކުގައި ތަފާތު ހާއްސިއްޔަތު ތަކާއި ބާރުތައް އެކުލެވިފައި ހުރެ އެވެ. އެގޮތުން ހަށިގަނޑުގައި އުފެދޭ ޖަރާސީމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރާއި، އެލާޖީއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުގެ އިތުރުން ޕްލޭޓްލެޓް ޖަމާވެ ގަނޑުލޭކޮޅެއް އުފެދުމުން ރައްކާތެރި ކޮށްދިނުމުގެ ބާރުވެސް ކަށިކޭލުގައި ހުރެ އެވެ. މީގެ އިތުރުން ދުޅަތަކާއި ތަދުތަކަށް ވެސް ކަށިކޭލުން ފަރުވާ ލިބެ އެވެ.

ބައެއް ދިރާސާތަށް ދައްކަގޮތުގައި ހުން ތިރިކުރުމަށް ކަށިކެޔޮ އެހީތެރި ވެދޭއިރު، ޖުޒާމު ބަލި، ކަށިވިދުރި، ފަދަ ބޮޑެތި ބަލިތަކަށް ވެސް ކަށިކެލަކީ އެންމެ ރަނގަޅު އެއް ފަރުވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހަމުގެ ގިނަ މައްސަލަތަކަށް ކަށިކޭލުން ހައްލު ހޯދައިދޭއިރު، ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާ މުހިއްމު މާއްދާއެއް ކަށިކޭލުން ލިބޭކަމަށްވެސް ފަހުގެ ދިރާސާތަކުންވަނީ ދައްކާފަ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް ކަށިކޭލުން ލިއްބައިދޭއިރު ކަށިކެޔޮ ކެއުން ހުއްޓާލަންވީ ސަބަބެއް ނެތެވެ.