ހަންކެޑެ މަޝްރޫއު ހަލާލް ޓޫރިޒަމް ކޮންސެޕްޓަށް ކުރިއަށް ގެންދިއުމާ ދެކޮޅު ކަމަށް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް ހަންކެޑެ ތަރައްގީ ކުރަން ތާއީދު ނުކުރާކަމަށެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

https://web.facebook.com/ismaillnizar/posts/10171878679255484?ref=embed_post

ނިޒާރު މިފަދައިން ވިދާޅުވެފައިވާއިރު، ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވެސް ވަނީ ހަންކެޑެ މަޝްރޫއު ހަލާލް ޓޫރިޒަމަށް ބަދަލުކުރަން ނިންމި ނިންމުމާ ދެކޮޅުކަން ހާމަކުރައްވާފަ އެވެ.

އަޒާން ވަނީ ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ދައްކާފައިވާކަން ފާހަގަކޮށް ހަންކެނޑެ މަޝްރޫއަށް ބޭނުންވާ ލޯނުގެ ކަންކަން މަޑުޖެހިފައިވަނީ ދިވެހި ސަރުކާރުން, ޗައިނާގެ އެކި ބޭންކުތަކަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްދިނުމަށް އެދުމާ ގުޅިގެންކަމަށާއި، އެ އިޖުރާއަތުތައް ހިނގަމުން ދަނިކޮށް އާލޯނެއް ދިނުން ޗައިނާގެ ގާނޫނުތަކާއި ގަވާއިދުތައް ތަން ނުދޭ ކަމަށް ވިދާޅުވެފަ އެވެ.

އަޒާން ވިދާޅުވީ ހަންކެނޑެ މަޝްރޫއުގެ ލޯނުގެ ކަންކަން ހަމަނުޖެހުނީ އެ ލޯނުގެ ކަންތައް ނުނިމެނީސް، ދަރަނި ފަސްކޮށްދޭން ޗައިނާ ސަރުކާރުގައި އެދުމުން ކަމަށާއި، ދެއިރު ދެދަޅައަށް އާ ނަމެއް ކިޔާފަ މަޝްރޫއެއް އިއުލާން ކުރިއަސް، އައްޑޫއަށް އިންވެސްޓު ކުރާނެ ބަޔަކު ހޯދުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ.

ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށް އަޒާން ގޮވާލައްވާފައިވާއިރު، މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށާއި، ހުރިހާ ފަތުރުވެރިންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް އައްޑޫ ސިޓީ ހަންކެޑެއިގައި ތަރައްގީކުރަން ސަރުކާރުން ނިންމީ މިފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން، މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިސާދީ ދުވެލި ހަލުވިވާނެ ކަމަށް ބުނެ އެވެ.