މި މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ގަލޮޅު ދަނޑަށް ވަދެވުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް އެއްބަސްވާ ކަމަށް ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ފަހު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝުޖާއު ވިދާޅުވީ މީގެ ކުރިން ފުލުުހުން ވާނީ މާ ރަނގަޅަށް މާ ޕްރޮޕެޝަނަލްކޮށް ކްރައުޑްތައް ކޮންޓްރޯލްކޮށްފައި ކަމަށާއި އެ ދުވަހު އެ ދިމާވީ އެކަން ވާންޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދަމުން އަންނަ ކަމަށާއި އެކަމުގެ ރިޕޯޓް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް މިހާރު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ ކޮމިޓީއަށް ވެސް ޖަވާބުދާރީ ވެފައިވާ ކަމަށެވެ.

ޤާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި ފުލުހުންނަށް ހެދޭ ގޯސްތައް ރަނގަޅުކޮށް، އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރިޔާޒުވަނީ ދެއްވާފައެވެ.

މި ޕްރެސް ކޮންފަރެންސްގައި އޭސީޕީ މުހައްމަދު ރިޔާޒް ވިދާޅުވީ ޔޯގާ ހަރަކާތް ހުއްޓުވަން ސިޔާސީ ޕާޓީއެއްގެ ވަސީލަތްތައް ބޭނުންކުރިކަން އެނގިފައި ވިޔަސް ތަހުގީގުގައި އަދި މިކަން ވަކި ގޮތަކަށް ނިންމާފައި ނުވާ ކަމަށެވެ. ދަނޑަށް ވަދެ އިންޒާރު ދިން އިރު ހަ ގައުމެއްގެ ސަފީރުން އެތަނުގައި ތިއްބެވި ކަމަށެވެ.

އޭނާ ވިދާޅުވީ މިހަރަކާތާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މިހާތަނަށް 21 މީހަކު ގެނެސްފައިވާ ކަމަށެވެ. އަދި މިހާތަނަށް މިހާދިސާގައި އަނިޔާވެރި ޢަމަލު ހިންގައިގެން ހޯދަން ބޭނުންވާ ހަތަރު މީހަކު ހޯދަމުންދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ފުލުހުން ބުނީ މީގެ ފަހުން އެއްވުންތައް ކޮންޓްރޯލްކުރުމުގައި އަވަހަށް އެއްވުންތައް ރޫޅާލަން ބަލާނެ ކަމަށެވެ.

އޭސީޕީ ޝުޖާއު ވިދާޅުވި ގޮތުގައި އިވެންޓް އިންތިޒާމްކުރި ފަރާތުން ވެސް އިވެންޓްގައި ބައިވެރިވަނީ ކޮން ފެންވަރެއްގެ ކޮން ބައެއްކަން އަންގާފައި ނުވާ ކަމަށާއި ފުލުހުންނަށް އެ މައުލޫމާތު ލިބުނީ އެ ތަނަށް ދިއުމުން ކަމަށެވެ. އެހެންވެ މީގެ ފަހުން މިފަދަ އިވެންޓްތަކާ ގުޅޭ ގޮތުން ކުރިއާލައި މިފަދަ މައުލޫމާތު ހޯދާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު ފެންމަތިވެގެން އުޅޭ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކާއި އެކަމާ ގުޅުވައިގެން ބްލެކްމެއިލް ކުރުމުގެ ކަންކަމާ ބެހޭ ގޮތުން ރިޔާޒް ވިދާޅުވީ މިއީ މާޗް މަހުން ފެށިގެން ތަހުގީގުކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުން މިހާރު ވެސް ވަނީ އެއްޖިންސުން ގުޅުން ހިންގުމާއި ބްލެކްމެއިލް ކުރުމުގެ މައްސަލަތަކާ ގުޅުން ހުރި މައުލޫމާތު ހޯދައި ބައެއް ކަންކަން ދެނެގެންފައި ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ވަކީލް ނާޒިމް ސައްތާރު ހައްޔަރު ނުކުރަނީ ކީއްވެތޯ ސުވާލުކުރުމުން އޭސީޕީ ރިޔާޒް ވިދާޅުވީ މީހުން ހައްޔަރުކުރުމުގައި ބަލަނީ ގާނޫނީ ސަބަބުތަކަށް ކަމަށާއި މީހެއްގެ ހައިސިއްޔަތަށް ބަލައި އެކަމުގައި ފުލުހުން ގޮތެއް ނުނިންމާނެ ކަމަށެވެ. އޭނާ ވިދާޅުވީ ތަހުގީގަށް ބަލައި މީހަކު ހައްޔަރުކުރަން ޖެހިއްޖެ ކަމަށް ފެނިއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ.

ބްލެކްމެއިލް ކުރުމުގައި ފުލުހުންގެ ބަޔަކު ބައިވެރިވާ ކަމަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން ރިޔާޒް ވިދާޅުވީ މިކަމުގައި ފުލުހުން ބައިވެރިވާ ކަމަށް ތުހުމަތުކުރަންޖެހޭ އެއްވެސް ސަބަބެއް މިހާތަނަށް ތަހުގީގަށް އެނގިފައި ނެތް ކަމަށެވެ. އަދި މިކަމުގައި ވިކްޓިމުންނަށް ވެފައިވާ މީހުންނަށް ވެސް މިކަމުގެ އަޑީގައި އުޅޭ މީހުންނަކީ ކޮބައިކަން އެނގޭ ކަމަށް ވިދާޅުވި އެވެ.