އިންޑިއާގެ އައްސާމަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެ އެ އަވަށުގެ އެތައް ބަޔަކަށް ގެއްލުންވެފައިވާތީ އެވަށުގެ މީހުންނަށް އެހީވުމަށްޓަކައި ހުޅުވާލާފައިވާ ފަންޑަށް ގިނަ ބޮލީވުޑްގެ ފަންނާނުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މޫސުމީ ވިއްސާރައިގެ އަސަރު އިންޑިޔާގެ އިރުއުތުރު އައްސާމް ސްޓޭޓަށް ވެސް ދަނީ ފޯރަމުންނެވެ. އެ ސްޓޭޓްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެ ،ދެ މިލިޔަނަށް ވުރެ ގިނަ މީހުންނަށް ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާން މަޖުބޫރުވެފަ އެވެ.
އައްސާމް ސްޓޭޓްގެ މީހުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ގިނަ ބޮލީވުޑް ތަރިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބޮލީވުޑުގެ އެކްޓަރު އާމިރު ހާން ވަނީ މިފަންޑަށް 25 ލައްކަ ރުޕީސް ހަދިޔާ ކޮށްފަ އެވެ.
އެގޮތުން ބޮލީވުޑުގެ ލަވަކިޔުންތެރިޔާ ސޯނޫ ނިގާމް ވަނީ މި ފަންޑަށް 5 ލައްކަ އިންޑިއަން ރުޕީސް ހަދިޔާ ކޮށްފަ އެވެ.
ފިލުމު ޕްރޮޑިއުސަރ ބުޝަން ކުމާރު ވަނީ 11 ލައްކަ އިންޑިއަން ރުޕީސް ހަދިޔާ ކޮށްފަ އެވެ. އަދި ބޮލީވުޑުގެ އެކްޓަރ އަރުޖުން ކަޕޫރު ވެސް ވަނީ މި ފަންޑަށް 5 ލައްކަ އިންޑިއަން ރުޕީސް ހަދިޔާ ކޮށްފަ އެވެ.
މި ފަންޑަށް ހަދިޔާ ކުރި ފަރާތްތަކަށް ޝުކުރު އަދާކޮށް އައްސާމްގެ ސީއެމް ވަނީ ޓުވީޓް ކޮށްފައެވެ.