ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް ހ. ރުވާމާގޭ އަހުމަދު ތަސްމީން އަލީ އައްޔަންކުރަން މަޖިލީހުން ރުހުންދީފި އެވެ.

ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް ތަސްމީން އައްޔަންކުރުމަށް ރުހުންދޭން ފެންނަކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ.

ތަސްމީން ސިންގަޕޫރު ސަފީރު ކަމަށް އައްޔަން ކުރައްވަނީ އެމަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބްގެ ބަދަލުގަ އެވެ. ތަސްމީން އަލީ އަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ކަމާއި ޑީއާރުޕީގެ ލީޑަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ސިންގަޕޫރުގެ ސަފީރުކަމަށް ތަސްމީން ހަމަޖެއްސެވުމާ ގުޅިގެން ކުރިން އެ މަގާމުގައި ހުންނެވި އިބްރާހީމް ޝަހީބު ވަނީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ނިންމާފަ އެވެ. ނަމަވެސް، ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި އެ މައްސަލައަށް ކޮމިޓީން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ތަސްމީނަށް ސަފީރުކަން ދެއްވުމުގެ ކުރިން އޭނާގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު ވިސާމް އަލީ މިދިޔަ އެޕްރީލް މަހު އަމިއްލައަށް އިސްތިއުފާ ދެއްވުމާ ހަމައަށް ހުންނެވީ ރާއްޖޭން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ.