ފުރަތަމަ ޖައްވީ މިޝަންއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ފުރަތަމަ ސްޕޭސް ޓީމް އެކުލަވާލައިފި އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މިޓީމުގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ ދެ ޖިންސުގެ ދިވެހި ޒުވާނުންނެވެ.

މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޮ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ބުނީ އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ޒުވާނުން ހިމެނޭ މި ޓީމުގައި، އެއިރޮސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓަ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ހިމެނޭ ކަމަށެވެ.

އެ އިންސްޓިއުޓުން ބުނިގޮތުގައި މި ޓީމުން މިހާރު ވަނީ، ނެނޯސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަ ކޮށްފަ އެވެ. އަދި ސެޓެލައިޓް ޑިޒައިންކޮށް، ބިލްޑްކޮށް، ލޯންޗްކޮށް ސައިންޓިފިކް ރިސާޗް ހަދަން ދަސްކޮށްދޭ މިކޯސް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން ކަމަށް ވެސް އައިޖީއެސް އިން ބުންޏެވެ.

ކޭއެސްއެފް ސްޕޭސް ފައުންޑޭޝް އަކީ ސްޕޭސް އިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗްކޮށްދިނުމުގައި އެހީތެރިކަން ފޯރޮކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެވަޑައިގައިންނަވެ އެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިގޮތުގައި މި މިޝަންގެ މަސައްކަތް ތާވަލާ އެއްގޮތަށް ބަރާބަރަށް ކުރިއަށްދެ އެވެ.

"ޓީމު ތަމްރީނުކޮށް ނިންމައި، ސެޓެލައިޓް ޑިޒައިން ފައިނަލްކޮށް، ހާޑުވެއަރ އޯޑަރު ކުރެވިއްޖެ. ކޮވިޑުގެ ބަލިމަޑުކަމާ، އިގްތިސާދީ ދަތިތަކާ ލޮކްޑައުންގެ ގޮންޖެހުމާއެކުވެސް އަޅުގަނޑުމެންނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ،" ރިފްއަތު ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ

ފުރަތަމަ މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެގޮތުން ހަދާ ސެޓެލައިޓެކެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން އަށް އައިޖީއެސްއިން ތަމްރީނުކުރި ޓީމް:

  1. ހުސައިން އައްސަދު، ރ. އަލިފުށި
  2. ހުސައިން ރިޒާމް، މާލެ
  3. އަހްމަދު އިޖާޒް، އއ. ބޮޑުފުޅަދޫ
  4. މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން، މާލެ
  5. މަރިޔަމް ޝިމާނަތު، ގދ. ރަތަފަންދޫ
  6. މުހައްމަދު އަޝްހަމް މުޖުތަބާ، މާލެ
  7. މުހައްމަދު ޖުނައިދު، ހއ. އިހަވަންދޫ