ވިއްސާރަ މޫސުމަކީ އަހަރެމެންގެ ތެރޭގައި އާއްމުކޮށް ބަލި ގިނަވާ ދުވަސްވަރެކެވެ. މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ބަލިތައް އާދަޔާޚިލާފަށް ގިނައިން މުޖުތަތަމައުން ފެންނަ ދުވަސްވަރެކެވެ. ވީއިރު މިފަދަ ބަލިތަކުން ދުރުވުމަށްޓަކައި ގެންގުޅެވިދާނެ އާއްމު ދިރިއުޅުމުގެ އާދަތަކެއް ހުރެ އެވެ. މި އާދަތަކަކީ އެކަންކަމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަންކަމެވެ.
ގޭގައި ކައްކައިގެން ކެއުން
ވިއްސާރަ މޫސުމުގައި ފެތުރޭ ޓައިފޮއިޑް އަދި ހެޕަޓައިޓިސް އޭއަކީ ތަޣައްޔަރު ވެފައިވާ ކާނާއާއި ފެނުގެ ޒަރީއާއިން ޖެހޭ ބަލިތަކެވެ. މި ސަބަބަށްޓަކައި ރެސްޓޯރެންޓްތަކުން ކެއުމުގެ ބަދަލުގައި ގޭގައި ކައްކައިގެން ތާޒާ ކަމާއެކު ކާނާ ކެއުމަކީ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.
ސާފުތާހިރު ކަމަށް އިސްކަން ދިނުން
ވިއްސާރަ މޫސުމުގައި އަމިއްލަ ނަފްސާއި އުޅޭ މާހައުލުގެ ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ. އެގޮތުން އާއްމުކޮށް އަތްފައި ދޮވުމާއި ދުވާލަކު މަދުވެގެން ދެފަހަރު ފެންވެރުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން ގޭގޭގެ ފުރާޅު ސާފު ކުރުމާއި ފެން ހަރުލާނެ ހެން ހުންނަ ތަންތަން ނައްތާލުމުން ވެސް ބަލިތަކުން ރައްކާތަރިކަން ލިބޭނެ އެވެ.
ޕެސްޓް ކޮންޓްރޯލް ކުރުވުން
ވިއްސާރަ މޫސުމުގައި ފެތުރޭ ގިނަ ބަލިތަކަކީ އެދުވަސްވަރު ގިނަވާ ދިރޭ ތަކެތީގެ ސަބަބުން ފެތުރޭ ބަލިތަކެވެ. ހާއްސަކޮށް މަދިރިއަކީ ޑެންގޫ ފަދަ ފުރާނައަށް ނުރައްކާވާފަދަ ބަލިތައް ފަތުރާ ސޫތްޕެކެވެ. އެހެން ކަމުން ގޭތެރެއިން މަދިރި މަދު ކުރުމަށްޓަކައި ޕެސްޓް ކޮންޓްރޯލް ކުރުން މުހިއްމެވެ. މިކަމަށްޓަކައި ކެމިކަލް މާއްދާތަކުގެ އިތުރުން ގުދުރަތީ ގޮތްތައް ވެސް ބޭނުން ކުރެވިދާނެ އެވެ.