އެމްޓީސީސީން މާލެ ސަރަހައްދުގައި ދުއްވާ ބޮޑު ބަހަކާއި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި އެކަކު މަރުވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު 6:10 ހާއިރު އެކުވެނި ޓްރެކް ކައިރީ ބޭރުމަގުގަ އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ އެކުވެނި ޓްރެކް ދަނޑު ކައިރީ ބޭރުމަގުން ދުއްވާފައި ދިޔަ ކާރެއް އެ މަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެމަގުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހިގެންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހަތަރު އަންހެނަކަށާއި ދެ ފިރިހެނަކަށް އަނިޔާވެ، ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. މި ހާދިސާގައި މަރުވީ ޕްރައިވެޓް ކާރުގައި އިން އަންހެނެކެވެ.

މާލޭ ކުޅިވަރު އެކުވެނި ކައިރިން ބަހަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި، ކާރުގައި ތާށިވި މީހުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ސަލާމަތްކުރުމަށް އެހީތެރިވަނީ. ފޮޓޯ: އެމްއެންޑީއެފް

އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ، އެ ހަތަރު މީހުންނަށް އިމަޖެންސީ ރޫމުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، އެކްސިޑެންޓްވި ކާރުގައި ތާށިވި މީހުން އެ ކާރުން ނެރެ، ސަލާމަތްކުރީ ފަޔާ ސާވިސްގެ ސިފައިންގެ އެހީތެރިކަމާއެކު އެވެ.

"އެ މީހުން ވަނީ ފަރުވާ ދިނުމަށް އެމްބިއުލާންސްގައި ހޮސްޕިޓަލަށް މިހާރު ގެންގޮސްފައި،" އެމްއެންޑީއެފުން ކުރި ޓުވީޓެއްގައިވެ އެވެ.

މާލޭ ކުޅިވަރު އެކުވެނި ކައިރިން ބަހަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި، ކާރުގައި ތާށިވި މީހުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ސަލާމަތްކުރުމަށް އެހީތެރިވަނީ. ފޮޓޯ: އެމްއެންޑީއެފް

އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްޓީސީސީން މިމަހު ބޭނުންކުރަން ފެށި ޑަބަލް ޑެކާ ބަހެއްގެ ޖެހިފައި ވަނީ ރަތް ކުލައިގެ ޕްރައިވެޓް ކާރެކެވެ. ކާރު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު އެ ޖެހުނު ބާރުގައި ބަހުގެ ކުރީކޮޅު އޮތީ ބަނޑިވެފަ އެވެ. އަދި ބިއްލޫރިގަނޑު އޮތީ އެއްކޮށް ތަޅައިގެން ގޮސްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން މިރޭ ވަނީ ހައިވޭ އިން ހުޅުމާލެއަށް އަރާ ހިސާބުގައި ޕިކަޕަކާއި ބަހެއް ޖެހި އެކްސިޑެންޓެއް ހިނގާފަ އެވެ.

މިރޭ 8:21 ހާއިރު ހިނގި އެ އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.