ކޮލަމްބޯ (05 ޖުލައި) - ޑޮލަރު ލިބުން ދަތިވެ އާއްމު ބޭނުންތަކަށްޓަކައި ފައިސާ ޗާޕު ކުރުން އިތުރުކުރި ސްރީލަންކާއިން އެކަން ނިމުމަކަށް ގެނެސް ފައިސާ ޗާޕު ކުރުން ހުއްޓާލަން އެގައުމުގެ ސަރުކާރުން އަމާޒު ކަނޑައަޅައިފި އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ އެގައުމުގެ އިންފްލޭޝަން 60 ޕަސެންޓަށް އަރަން ގާތް ވެފައިވާ ކަމަށާއި އެކަން ހައްލު ކުރަން ފައިސާ ޗާޕުކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ރަނިލް އިތުރަށް ވިދާޅުވީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ދަރަނި ދައްކާނެ ގޮތުގެ ޕްލޭންއެއް ތައްޔާރު ކޮށް ބެއިލް އައުޓް ޕެކޭޖެއް ހޯދުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އަށް ހުށައަޅާނެ ކަމަށެވެ.

ސްރީލަންކާއިން ފައިސާ ޗާޕުކުރުން ހުއްޓާލަން އަމާޒު ހިފާފައިވަނީ ބޭރު ފައިސާ ލިބުން ދަތިވެ އާއްމުންގެ މުސާރަތައް ޖަމާ ކުރުމަށްޓަކައި ރުޕީސްގެ ނޯޓުތައް ޗާޕުކުރުން އިތުރުކޮށްފައި ވަނިކޮށެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބުން އަސާސީ ހިދުމެތްތައް ލިބުން ވަނީ ދަތިވެފަ އެވެ.

އެއާއެކު އެގައުމުގައި މުދަލުގެ އަގު އިންތިހާއަށް ބޮޑުވެ އިންފްލޭޝަންގެ ބިރު ވެސް އޮތީ ކުރިމަތިވެފަ އެވެ.

ސްރީލަންކާއާއި އައިއެމްއެފްއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ނިންމާލާފައިވާއިރު އެ މަޝްވަރާތަކުން އެދެވޭ ހައްލެއް އަދި ލިބިފައެއް ނުވެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް