މީހުން ބިނާކުރުމަށާއި އެހީތެރިކަން ދޭން އައިޖީއެމްއެޗުން ގްލެނީގަލްސް ގްލޯބަލް ހެލްތު ސިޓީ އިންޑިއާ އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މި އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވާޝިޕް އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށްޓަކައި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ވޯލްޑައިވްސްއިން ރާއްޖޭގެ ރެޕްރެޒެންޓޭޓިވްގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ މިޕްރޮގްރާމްގެ ދަށުން އެކި ބަލިތަކަށް ފަރުވާދޭ ޚާއްސަ މަރުކަޒުތައް ގާއިމުކުރެވިފައިވާ އައިޖީއެމްއެޗްގެ ޗެއިންގައި އެ ހޮސްޕިޓަލަށް ތާފާތު އެކި ދާއިރާތަކުން އޮބްޒާވަޝިޕް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ގޭސްޓްރޮސައިންސްއާއި ނިއުރޯސާޖަރީގެ އިތުރުން ތަފާތު ސްޕެޝަލިސްޓް ދާއިރާތަކުން އައިޖީއެމްއެޗްއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އައިޖީއެމްއެޗްއިން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލުން ޚިދުމަތް ނުލިބޭ ދާއިރާތަކަށް ޚާއްސަ ޑޮކްޓަރުން، ބަލިމީހުން ބެލުމާއި ސާޖަރީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ބަލިމީހުންނަށް ލުއިފަސޭހަވާނެހެން ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ގްލެނީގަލްސް ގްލޯބަލް ހޮސްޕިޓަލްސްއަކީ އައިއެޗްއެޗް ހެލްތުކެއާގެ ދަށުން ހިންގޭ ހޮސްޕިޓަލްތަކެކެވެ. މުޅި ޖުމްލަ 84 ހޮސްޕިޓަލް ހިންގާ މި ގްރޫޕްގެ ހޮސްޕިޓަލްތައް ސިންގަޕޫރު، މެލޭޝިޔާ، ތުރުކީ އަދި އިންޑިއާގައި ވަނީ ގާއިމްކޮށްފަ އެވެ. އަދި މި ހޮސްޕިޓަލްތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ އެންމެ މަތީ ފެންވަރުގެ ޒަމާނީ ފަރުވާދޭ ހޮސްޕިޓަލްތަކެކެވެ.