ކޮލަމްބޯ (ޖުލައި 9) - ސްރީލަންކާގެ އިގުތިސޯދީ ކާރިސާއާ ގުޅިގެން ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ގޮވާލައި، ވެރިރަށް ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ރަސްމީ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެއްޖެ އެވެ.

ހޮނިހިރު ދުވަހު 100،000 އަށް ވުރެ ގިނަ މީހުން ބޭރަށް ޖަމާވެފައި ވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ވެރިރަށް ކޮލަމްބޯއަށް ވަދެ، ރައީސް އިސްތިއުފާދޭން ވެސް މަޖުބޫރުކުރަމުންނެވެ.

ސްރީލަންކާގެ ޓީވީތަކުންނާއި ސޯޝަލް މީޑިއާގައި ބްރޯޑްކާސްޓްކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ސަލާމަތީ ސަފުތައް ފަޅާލައި، ރައީސް ގެކޮޅަށް ވަދެ، ގޮޓަބަޔާގެ އޮފީހަށް ގެއްލުންދީފަ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އިމާރާތުގެ އެތެރޭގައި މުޒާހަރާކުރާ މީހުންނާއި ބެލްކަނީގައި ބެނާތައް ދަމާފައި ހުރުމުގެ އިތުރުން ރެސިޑެންސްގެ ޕޫލަށް ފީނާ މަންޒަރު ވެސް ފެނެ އެވެ.

ސަލާމަތީ އޮފިޝަލުން ސީއެންއެންއަށް ވިދާޅުވިގޮތުގައި މުޒާހަރާކުރާ މީހުން އެ ގެކޮޅަށް ވަންއިރު ގޮޓަބަޔާ އެގެކޮޅުގައި އޭރު ނޫޅުއްވާ ކަމަށާއި އޭނާ އެހެން ތަނަކަށް ވަނީ ބަދަލުކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ. އެ ތަނަށް ވަނީ ސަލާމަތީ ބާރުތަކުގެ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ.

މި މުޒާހަރާތަކުގައި ދެ ފުލުހަކު ހިމެނޭ ގޮތަށް 31 މީހަކު ޒަހަމްވެފައިވާ ކަމަށާއި އެ މީހުންނަށް ފަރުވާ ދެމުންދާ ކަމަށް ލަންކާގެ ނެޝަނަލް ހޮސްޕިޓަލް (އެންއެޗްއެސްއެލް) އިން ބުނެ އެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.

ސްރީލަންގެ މަސްރަހު ގޯސްވުމުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ޕާޓީގެ ލީޑަރުންގެ ކުއްލި ބައްދަލުވުމަކަށް ފޯނުން ގުޅުއްވައި، މިހާރުގެ ހާލަތާ މެދު މަޝްވަރާ ކުރައްވައި، މެމްބަރުން ހާޒިރުކުރުމަށް މަޖިލީހުގެ ރައީސަށް ވެސް ވަނީ ދަންނަވާފަ އެވެ.

މިއީ ދެކުނު އޭޝިޔާގެ 22 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ ގައުމުގައި ފަހުގެ ތާރީހެއްގައި މިހާ ބޮޑު މާލީ ދަތިކަން ކުރިމަތިވި ފަހަރެވެ. -- ސީއެންއެން