ސްރީލަންކާގެ ރައީސް ގޯޔަބަޔާ ރާޖަޕަކްސް ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަންނަވާފައިވާތީ އެކަމުގެ ނުރުހުން ދިވެހި ސަރުކާރަށާއި ރައީސް ނަޝީދަށް އަމާޒުވެއްޖެ އެވެ.
ސްރީލަންކާގެ އިގްތިސާދީ ހާލަތާ ގުޅިގެން ވެރިރަށް ކޮލަމްބޯގައި ފެށި މުޒާހަރާތަކުގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެ އެ ތަން ހިސާރު ކުރުމާ ގުޅިގެން ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވައި، އާ ސަރުކާރެއް އެކުލަވައިލުމަށް ފުރުސަތު ދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ. ނަމަވެސް، އޭގެ ކުރިން، އޭނާ މި ވަނީ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތްފަ އެވެ.
ލަންކާގެ ގިނަ ރައްޔިތުންގެ ނުރުހުން ލިބިފައިވާ ރައީސް ގޯޓަބަޔާ ރާއްޖެއިން ހިމާޔަތް ދިނުމާއި ގުޅިގެން ލަންކާގެ ގިނަ ރައްޔިތުން އަންނަނީ ރާއްޖެއަށް ފާޑުކިޔަމުންނެވެ.
ލަންކާގެ ބައެއް ނޫސްވެރިން ބުނެފައިވާ ގޮތުގައި ގޮޓަބަޔާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދަކީ ލަންކާ އަށް ދިމާވެފައި އޮތް ދަތި ހާލުގެ ސަބަބުން އެ ގައުމަށް ބޭރު ގައުމުތަކުގެ އެހީ ހޯދުމަށް ލަންކާ ސަރުކާރުން ކަނޑައަޅާފައި ހުންނެވި މަންދޫބު ވެސް މެ އެވެ. އަދި މީގެ ކުރިން ރާއްޖޭގެ ކުރީގެ ސަރުކާރުން ނަޝީދު ހައްޔަރު ކުރަން އުޅުމުން ކޮޅުނބަށް ވަޑައިގެން އަރުވާލެވިގެން ހުންނެވި އެވެ.
އެކަމާ ގުޅިގެން ޕްރަސާދު ވެލިކުމްބުރާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކުރިން އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވި ނަޝީދު މިހާރު އެއީ ކޮންކަހަލަ ބޭފުޅެއްކަން ނޭނގޭ ކަމަށެވެ. ނަޝީދު ކުރިން އެ އުސޫލުތަކަކަށް ތާއީދުކުރެއްވި ހުރިހާ އުސޫލަކަށް އެމަނިކުފާނު މިހާރު ޚިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި މިކަމާ ގުޅިގެން ރާއްޖެ ބޮއިކޮޓްކުރުމަށް ވެސް އޭނާ ވަނީ ގޮވާލައިފަ އެވެ.
ލަންކާ މިއަދުގެ ހާލަތަށް ވައްޓާލި ބަޔަކަށް ރާއްޖެއިން ހިމާޔަތް ދިނުމާއި ގުޅިގެން އެކަމާ ހިތާމަ ކުރާކަމަށްވެސް ލަންކާ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އަދި ލަންކާ ރައްޔިތުން ދިވެހި ސަރުކާރުގެ ކިބައިން އެދިފައިވަނީ ރައީސް ގޯޓަބަޔާ އަނބުރާ ލަންކާއަށް ފޮނުވައިދިނުމަށެވެ.
ލަންކާގެ ރައްޔިތުންގެ އިތުރުން ދިވެހިން ވެސް މިކަމާ ގުޅިގެން ސަރުކާރަށް އަންނަނީ ފާޑުކިޔަމުންނެވެ. އަދި މި މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ގޯޓަބަޔާ ފިއްލަވައިގެން ރޭ ދަންވަރު ރާއްޖެ ވަޑައިގެންފައިވާއިރު ސަރުކާރުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ގޯޓަބަޔާ ރާއްޖެ ވަޑައިގަތުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރައީސް ނަޝީދު ވެސް އަދި ނުދައްކަވަ އެވެ. އެހެންނަމަވެސް މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ގޯޓަބަޔަ ރާއްޖެއަށް ވަޑަގަތުމަށް ހަމަޖެހިފައިވާކަން އެ އިދާރާއަށް އެނގިފައިނުވާ ކަމަށެވެ.
ގޯޓަބަޔާ ރާއްޖެ ވަޑައިގެންފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެމަނިކުފާނުގެ ގެކޮޅަށް ލަންކާގެ އާންމުން ވަދެގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ފިއްލެވުމަށްފަހު އެވެ. އާންމު ރައްޔިތުން އަދިވެސް ތިބީ ގޮތަބަޔާގެ ގެކޮޅުގަ އެވެ.