ކޮލަމްބޯ (ޖުލައި 13) - ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ސްރީ ލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ އަށް އެހީތެރިވެދީފައި ނުވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ލަންކާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއްގައި ގޯޓަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތީ، ރާއްޖެ ވަޑައިގަތުމަށް ދެ ވަނަ ފަހަރަށް މަސައްކަތް ކުރެއްވުމަށް ފަހު އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރު ބޯޓު ޖެއްސުމުގެ ހުއްދަ ނުލިބުމުން އެ ހުއްދަ ހޯދުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އިންޑިއާ ސަރުކާރުން ވެސް އެހީތެރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް އިންޑިއާ އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ލަންކާގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފައި ވަނީ ލަންކާ ދޫކުރައްވައި ވަޑައިގަތުމަށް ގޯޓަބަޔާ އަށް އެހީތެރިވެދީފައިވާ ކަމަށް މީޑިއާގައި ފަތުރާފައިވާ ޚަބަރުތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގައި އިންޑިއާ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ގޯޓާބަޔާ ރާއްޖެ ވަޑައިގަތުމުގެ ކުރިން އިންޑިއާ އަށް ވަޑައިގަތުމަށް ވެސް މަސައްކަތް ކުރެއްވި ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އިންޑިއާ އިން އެ ހުއްދަ ލިބިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

ގޯޓާބަޔާ ރާއްޖެ ވަޑައިގެންނެވީ ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ކަމަށް ބެލެވެ އެވެ. އެހެންވެ އެ މަނިކުފާނު ތިން ވަނަ ގައުމަކަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ އެވެ.

ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ގޯޓަބަޔާ ދިރިއުޅުއްވީ އެމެރިކާގަ އެވެ. އެމަނިކުފާނަކީ އެމެރިކާގެ ޕާސްޕޯޓް ވެސް ކުރިން އޮތް ބޭފުޅެކެވެ.

ގޯޓާބަޔަ މިއަދު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރުމަށް ފަހު ރާއްޖެއަށް މި ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު އާންމުން ނުކުމެ ރައީސްގެ ގެކޮޅަށް ވަދެގެންފައި ވަނިކޮށެވެ. ލަންކާގައި އާއްމުން ނުކުމެ މުޒާހަރާކޮށް ސަރުކާރު ވައްޓާލާފައި މި ވަނީ އިގްތިސާދު ހީނަރުވެ އާއްމު ރައްޔިތުން ބަނޑަށް ޖެހުމުންނެވެ.