ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހު ރާއްޖޭގެ އުތުރާއި މެދު ތެރެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެކަމަށް ލަފާކުރެވޭ އިރު މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށެވެ. މިގޮތުން އުތުރާއި މެދު ރާއްޖެ ތެރެއަށް އާއްމުގޮތެއްގައި 10މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
މެޓް އޮފީހުން ބުނީ ރާޢްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ ހުޅަނގުގައި މިވަގުތު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އަދި މިއަދު ހެނދުނު 8:30 އިން ފެށިގެން ރާއްޖޭގެ ހުޅަނގުން ބޯ ވިއްސާރަ ވިލާތަށް އުފެދި، އަތޮޅުތަކުގެ މައްޗަށް ވިއްސާރަ ވިލާތަށް އަރަމުންދާ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
މިދުވަސްވަރަކީ ގިނަ ބަޔަކު ކަނޑު ދަތުރު ކުރަމުންދާ ދުވަސްވަރެއްކަމުން ކަނޑުދަތުރު ފަތުރު ކުރާއިރު މޫސުމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ.
މާލޭ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް) ގެ ސިފައިން ދަނީ ކުރަމުންނެވެ.
މި ގޮތުން، މިއަދު ހަވީރު 5:30 އިން ފެށިގެން ބޮޑުތަކުރުފާނުމަގު، ދުވާ ޓްރެކް ސަރަޙައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް ޕަންޕު ބަހައްޓައިގެން އެފްއާރުއެސްގެ ސިފައިން މަސައްކަތް ކުރަމުންދާއިރު، އައިޖީއެމްއެޗް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ވެސް އެފްއާރުއެސްގެ ސިފައިން ކުރަމުންދެ އެވެ.