ސްޓްރީމިންގް ސިނާއަތުގެ ވާދަވެރިކަން އިތުރުވެފައިވާ ދުވަސްވަރެއްގައި ނެޓްފްލިކްސް އަށް މިލިއަނެއްހާ ސަބްސްކްރައިބަރުން ގެއްލިއްޖެ އެވެ.

ނެޓްފްލިކްސްއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ދެ ވަނަ ކުއާޓާގައި މިލިއަނެއްހާ ސަބްސްކްރައިބަރުން ވަނީ ގެއްލިފަ އެވެ. މިއީ ނެޓްފްލިކްސްގެ 25 އަހަރުވީ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަށް ސަބްސްކްރައިބަރުން ގެއްލުނު ފަހަރެވެ.

ނެޓްފްލިކްސްއިން ބުނީ އެންމެ ގިނަ ސަބްސްކްރައިބަރުން ގެއްލިފައި ވަނީ އެކުންފުނީގެ އެންމެ ބޮޑެތި މާކެޓްތައް ކަމަށްވާ އެމެރިކާ އާއި ކެނެޑާގެ އިތުރުން ޔޫރަޕުން ކަމަށެވެ.

ނެޓްފްލިކްސްއަށް ގިނަ އަދަދެއްގެ ސަބްސްކްރައިބަރުން ގެއްލެމުންދާތީ އެކަމާ ގުޅިގެން ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިހާތަނަށް ބައެއް ފިޔަވަޅުތައް ވެސް އަޅާފައިވެ އެވެ. އޭގެ ތެރޭގައި ހަދަން ޕްލޭންކޮށްފައި ހުރި ބައެއް ކޮންޓެންޓްތައް މަޑުޖައްސާލުމާއި މުވައްޒަފުން މަދުކުރުމާއި ޕެކޭޖްތަކުގެ އަގުތަކަށް ވެސް ބަދަކުތަކެއް ގެންނަން ފެށުމާއި އިތުރު ފީޗާތަކާއެކީ އާންމުންގެ ޝައުގުވެރިކަން އަތުލަން މަސައްކަތްކުރުން ހިމެނެ އެވެ.

ސްޓްރީމިންގެ ވިޔަފާރި ދރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ނެޓްފްލިކްސް އަށް މިހާރު އޮތް އެންމެ ބޮޑު ބިރަކީ ސްޓްރީމިން ހިދުމަތް މިހާރު ވަރަށް ބޮޑަށް ފުޅާވެ، ވާދަވެރިކަން ވެސް ބޮޑުވަމުން ދިއުމެވެ.

ނެޓްފްލިކްސްއިން ބުނީ މިއަހަރުގެ ތިން ވަނަ ކުއާޓާގައި އެކުންފުނީގެ ސަބްސްކްރައިބަރުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ފަހުން ވުޖޫދަށް އައި އާ ސްޓްރީމިން ކުންފުނިތަކުގެ ތެރޭގައި ޑިޒްނީ ޕްލަސް އާއި އެޕަލް ޓީވީ ޕްލަސް އާއި އެޗްބީއޯ މެކްސް ފަދަ އެއްޗެހީގެ މަގުބޫލުކަން އަންނަނީ ބޮޑުވަމުންނެވެ.