ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެއިލްވި ސަބަބުތައް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރު މިހާރު އޮތީ ފެއިލްވެފައިވާ ކަމަށެވެ. އަދި އޭނާގެ ޓްވީޓްގައި ވަނީ މިސަރުކާރު ފެއިލްވާ ދިމާވި ސަބަބުތައް ވެސް ހާމަކޮށްފަ އެވެ.

އެގޮތުން އާދަމް ޝަރީފު ވިދާޅުވީ ގޮތުގައި މިސަރުކާރު ފެއިލްވެފައިވާ ދައުލަތަކަށްވީ ހިންގުންތެރިކަމެއް ނެތް ވެރިންނާއި އާއިލީ މީހުން ގިނަވުމުގެ ސަބަބުންނެވެ. އަދި އޭގެ އިތުރަށް ސަރުކާރުގެ ހިންގުންތެރިކަން ނެތިވެ ކަންކަން ކުރުން ލަސްވުމަކީވެސް ދައުލަތް ފެއިލްވި ސަބަބެއް ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.

މީގެ އިތުރުން އާދަމް ޝަރީފު ވިދާޅުވީ މުޖުތަމައުގައި ކޮރަޕްޝަނާއި ފާޙިޝް އަމަލުތައް ގިންވަމުންދާއިރު އެއިން ކަމަކާމެދު ފިޔަވަޅެއް ނޭޅުމާއި، އެފަދަ ކަންކަމާމެދު ފިޔަވަޅުއެޅުމުގެ ޒިންމާ އަދާނުކުރާ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތަކާއި ނިންމަންޖެހޭ ނިންމަންތައް ނުނިންމުމަކީ ވެސް ދައުލަތް ފެއިލްވާ ސަބަބެއް ކަމަށެވެ.

އާދަމް ޝަރީފު ދައުލަށް ފެއިލްވެފައިވާ ކަމަށް ވިދާޅުވެފައިމިވަނީ ރައީސަކަށް ހުންނަވާ ބޭފުޅަކު ރަގަޅު ވިއަސް ގައުމުގެ ކަންކަން ގޯސްވެދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމާއި ގުޅިގެންނެވެ.

އިމްރާންވަނީ ފާއިތުވި ހަފުތާގައި ވެސް އަދާލަތު ޕާޓީ ދިފާއުކުރައްވައި ތަކުރާރުކޮށް ޓުވީޓުކުރައްވާފަ އެވެ. އެގޮތުން އިމްރާން ވިދާޅުވި ގޮތުގައި އިސްލާމްދީނަށް ހިދުމަތްކުރުމުގައި އަދާލަތު ޕާޓީން ކުރި މިންވަރުގެ ހިދުމަތެއް އެހެން އެއްވެސް ބަޔަކު ކޮށްފައިނުވެ އެވެ. އަދި ތަކުރާރުކޮށް އިމްރާންވަނީ އަދާލަތުގެ ދިފާއުގައި ޓުވީޓުކުރައްވާފަ އެވެ.

އިމްރާން ޓްވީޓް ކުރައްވާ މިންވަރު އިތުރުވުމުން ގިނަ ބަޔަކު އަންނަނީ އެކަމާއި ގުޅިގެން ސުވާލު ކުރަމުންނެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އިމްރާން މިހާރު މާގިނައިން ޓްވީޓް ކުރައްވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާއި ހަމައަށް ދާއިރު ސިޔާސީ ގޮތުން ބުރަދަނެއް ހުރި ބޭފުޅެއް ކަމަށް ދެއްކެވުމުގެ ގޮތުންނެވެ.