ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވާ ކަމަށް އަދާލަތު ޕާޓީން ކުރި ދިރާސާއަކުން ބުނެފި އެވެ.

އަދާލަތު ޕާޓީން އާއްމުކުރި ދިރާސާ ކަރުދާހެއްގައި ވަނީ އެންމެހާ ކަންކަމަށް ބަލާއިރު ޔޯގާ އަކީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން އެނގި ސާފުވެގެން ދާކަމަށެވެ. އަދި ޔޯގާ ދީނަކާއި ނުވަތަ އަޤީދާ އަކާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

މަޝްހޫރު ގިނަ އިލްމުވެރިންގެ ރައުޔަކީ މުޅި ޔޯގާ އެއްކޮށް ޙަރާމް ވުން ކަމަށާއި މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔު ކަމަށް އެ ޕާޓީން ބުންޏެވެ.

އެ ރައުޔަށް ފަތުވާދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި މިސްރުގެ ދާރުލްއިފްތާ އާއި މެލޭޝިޔާގެ ފިޤުހުކޮމިޓީއާއި ފަޟީލަތުއްޝައިޚު ޑރ. ޔޫސުފް އަލްޤަރްޟާވީ އާއި ފަޟީލަތުއްޝައިޚު އުސްތާޒު ޑރ. އަލީ ޖުމްޢާ، ފަޟީލަތުއްޝައިޚު މުޙައްމަދު ޞާލިހު އަލްމުނައްޖިދު އަދި ފަޟީލަތުއްޝައިޚު ޑރ. އަބްދުﷲ އަލްފަޤީހު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީން ބުނީ ބައެއް އިލްމުވެރިން މުޅި ޔޯގާ އެއްކޮށް ހުއްދަކުރާ ކަމަށެވެ. އަދި ހުއްދަކަށް ވިދާޅުވާ ބޭފުޅުން ޙުކުމް ބިނާކުރައްވަނީ ޔޯގާ އަކީ ކަސްރަތެއް ނުވަތަ ކުޅިވަރެއްގެ އިތުރުން ސިއްހީގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ގޮތުންނާއި ނަފްސަށް ދެވޭ ފަރުވާއެއްގެ ގޮތުން ދީނަނާ ގުޅުމެއް ނެތި ކުރާ ކަމެއްގެ ގޮތުގައި ކަމަށް އެ ދިރާސާ ކަރުދާހުގައިވެ އެވެ. އެކަމަކު އެފަދަ ބޭފުޅުން ހިންދޫންގެ މަފްހޫމުގެ ޔޯގާ ހުއްދައެއް ނުކުރާ ކަމަށް ވެސް އެ ދިރާސާ ކަރުދާހުގައިވެ އެވެ.

އެ ރައުޔާމެދު އެ ދިރާސާއިން ފާހަގަވީ ކަމަކީ އެކި މުއައްސަސާތަކުން ނެރޭ ފަތުވާތަކާއި ލިޔެވިފައި ދިރާސާތަކާއި އިތުބާރު ހުރި އޮންލައިން ވެބްސައިޓް ތަކުގައިވާ ފަތުވާ ތަކުގައި އެ ރައުޔު ގެނެސްފައި ވީނަމަވެސް އެ ރައުޔު ތައުޘީޤުކޮށް މަރުޖިއު ބާޔާންކުރައްވާފައި ނުވުމުގެ އިތުރުން އެ ރައުޔު ނިސްބަތްވަނީ ކޮން އިލްމްވެރިންނަށް ކަން އެނގެން ނެތް ކަމަށް ވެސް އެ ދިރާސާ ކަރުދާހުގައިވެ އެވެ.

އެ ދިރާސާ ކަރުދާހުގައި ވަނީ ހުކުމް ކަނޑައެޅެއްވުމުގައި "ޔޯގާ" ހަދާގޮތުގެ މައްޗަށް ބިނާކޮށް ބައެއް އިލްމުވެރިން ހުކުމް ކަނޑައަޅުއްވާ ކަމަށާއި އެ އިލްމުވެރިން ޔޯގާގެ ތެރޭގައި ހިމެނޭ އިސްލާމީ ޝަރީޢަތާ ޚިލާފު ނުވާ ޙަރަކާތްތަކާއި ކަންތައް ހުއްދަ ކުރައްވާ ކަމަށެވެ. އަދި ޝަރީއަތާއި ޚިލާފުވާ ކަންތައްތައް މަނާ ކުރައްވާ ކަމަށް ދިރާސާގައި ވެއެވެ. އެގޮތުން އޭގެ ތެރެއިން ބައެއް ޢިލްމުވެރިން ޝަރުތުތަކާއެކު ޔޯގާގެ ނަމުގައި އެ ހަރަކާތް ކުރިއަށްގެންދެވިދާނެ ކަމަށް ބުނެފައިވެއެވެ.

އެ ރައުޔަށް ބަލާއިރު ފާހަގަ ކުރެވޭ ކަމަކީ އެ ރައުޔުގައި ބަޔާން ކުރާ ޤައިދުތަކާއި ޝަރުތުތައް ގެންނަ ނަމަ ޔޯގާގެ އަސްލު ބަދަލުވެގެންދާނެ ކަމަށާއި އޭރުން އެއީ ޔޯގާއޭ ކީ ކަމުގައި ވިޔަސް ހަގީގީ ޔޯގާއަކަށް ނުވާ ކަމަށް އެ ދިރާސާ ކަރުދާހުގައިވެ އެވެ.

އެ ދިރާސާ ކަރުދާހުގައި ވަނީ ޔޯގާގެ ހަރަކާތްތަކާއި ޢަމަލުތަކުގެ ތެރޭގައި އިސްލާމީ އަގީދާއާ ފުށުއަރާ، ކަނޑައެޅިގެން ޝިރުކުގެ އަމަލު ހިމެނޭ ކަމަށެވެ.

"އެހެނީ އޭގައި އިރުގެ ނަންތައް ކިޔާ، އިރަށް ތަޢުޡީމުކޮށް ކުރުނީސްކުރުމުން، މާތް ﷲ ފިޔަވާ އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރެވެއެވެ. އަދި ހިންދޫ ކަލާނގެއަށް ދެންނެވުމާއި ހިންދޫ ކަލާނގެ މަތިވެރި ކުރުން ހިމެނެއެވެ. އެވެސް ޝައްކެތްނެތްގޮތުގައި މާތްﷲ އާ އެހެން މަޚުލޫޤަކާއި ބައިވެރިކުރުން ނުވަތަ އެއްފަދަ ކުރުމަކީ ޝިރުކުގެ ޢަމަލެކެވެ. އަދި ބާޠިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިން ވާކަމެކެވެ. އަދި އިރަށް ބޯލަނބާ މާތްﷲއަށް ދޭ ޤަދަރު ދިނުމަކީވެސް ޝިރުކެވެ. މިހުރިހާ ކަމެއް ޔޯގާގެ ތެރޭގައި ހިމެނިގެން ވެއެވެ. މާތްﷲ ވަނީ އެއިލާހަށް ޝިރުކު ކުރުން ވަރުގަދައަށް މަނާކުރައްވާ ނަހީކުރައްފައެވެ." އަދާލަތު ޕާޓީގެ ދިރާސާ ކަރުދާހުގައި ވެ އެވެ.

އެ ދިރާސާގެ އަލީގައި ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެއްޖެ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ. އަދި އިސްލާމީ ދިވެހި ގައުމުގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށް ވެސް އެ ޕާޓީގެ ދިރާސާ ކަރުދާހުގައިވެ އެވެ.