ވަކި ގައުމެއް ރުއްސަން ސިޔާދަތުވެސް އަންނަނީ ގުރުބާން ކުރަމުން ކަމަށާއި ދިވެހިން އަމިއްލަ ގައުމުގައި ބިކަވެފައިވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހާ ވެސް ގުޅުވައިގެން ޑރ. ޖަމީލު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވެރިޔަކު މިނިވަން ގައުމެއްގެ ސިޔާދަތަށާއި މިނިވަންކަމަށް ގައްދާރުވުމަށް ވުރެ ވަކިން ބޮޑު ކުށެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ބޭރު ގައުމެއްގެ ގޮނޑިކޮއްކޮއެއް ކަމަށާއި މިއީ ދިވެހި ރައްޔިތުން އަޅާނުލައި ތިބެން ހެޔޮވާނެ ކަމެއް ނޫން ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު ފޯރުވާފައިވާކަން ފާހަގަ ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ ވަކި ގައުމެއް ރުއްސަން ސިޔާސަތުވެސް ގުރުބާން ކޮށްފައިވާ ކަމަށާއި ވަކި ގައުމެއްގެ މައްޗަށް ގާނޫނު ވެސް ނުހިނގާ ކަމަށެވެ.

"ގައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން މިވެރިކަމުގައި އެބަފެނޭ. ވަކި ގައުމެއް ރުއްސަން ސިޔާދަތުވެސް ޤުރުބާން. ވަކި ގައުމެއްގެ މައްޗަށް ޤާނޫނު ނުހިނގާ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވަނީ ދިވެހިން އަމިއްލަ ގައުމުގައި ބިކަވެފައިވާ ކަމަށެވެ. ދިވެހިންގެ ބަސް މިގައުމުގައި ނުހިނގާ ކަމަށާއި ގޮތް ނިންމަނީ ބޭރު ބައެއް ކަމަށެވެ. އަދި މިވެރިކަމުގައި އިސްތިއުމާރީންގެ ހުރިހާ ސިފަތަކެއް ފެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ކިތަންމެ ކުށެއް ކުރިޔަސް އެ ޤައުމަކަށްވީތީ ފިޔަވަޅެއް ނޭޅޭ. އެ މީހުންގެ އެންގުމަށް އަމިއްލަ ރައްޔިތުންނަށް އަނިޔާ ދެނީ،"ޑރ. ޖަމީލް ވިދާޅުވި އެވެ.

ދިވެހިރާއްޖެ މިނިވަންކަމަތީ އޮންނަތާ 57 އަހަރުފުރުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ގިނަ ބަޔަކު ފާހަގަކުރަމުން އަންނަނީ ދިވެހިރާއްޖޭގައި ހަގީގީ މިނިވަންކަން ނެތްކަމުގެ ވާހަކަ އެވެ. ގައުމު އޮތީ އަޅުވެތިވެ ބައެއްގެ ދަށުވެފައިކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.