ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ބޭބެ ކުޝް ސިންހާ ފުރަތަމަ ޑައިރެކްޓް ކުރާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.
ކުޝް ސިންހާ ޑައިރެކްޓް ކުރާ ފުތަރަމަ ފިލްމަކީ "ނިކިތާ ރޯއި: އެންޑް ދަ ބުކް އޮފް ޑާކްނެސް" އެވެ.
މިފިލްމުގެ ޕޯސްޓަރު ސޮނާކްޝީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.
ބިރުވެރި ޖޯންރާގެ މިފިލްމުގެ ޝޫޓީ ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު މިފިލްމުގެ ލީޑު ބަތަލާއެއް ގޮތުގައި ސޮނާކްޝީ ފެނިގެންދާނެ އެވެ.
ސޮނާކްޝީގެ އިތުރުން ދެން މިފިލްމުގައި ފެނިގެންދާނީ ޕަރޭޝް ރާވަލާއި ސުހައިލް ނައްޔަރު އެވެ.
މިފިލްމާ ބެހޭ ގޮތުން ކުޝް ބުނެފައިވަނީ އޭނާގެ ކޮއްކޮ ސޮނާކްޝީ މިފިލްމު އުޅެން އެއްބަސްވުމުން ވަރަށް އުފާ ކުރާ ކަމަށެވެ. އަދި ސޮނާކްޝީ އަކީ މޮޅު އެކްޓަރެއް ކަމަށްވެސް އޭނާ ބުންޏެވެ.
ނިކީ ވިކީ ބަގްނާނީ ފިލްމްސް އާއި ނިކިތާ ޕައި ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ސޮނާކްޝީ އާއި ކުޝް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.
ސޮނާކްޝީގެ ދެ ބޭބެއިންގެ ތެރެއިން ކުޝް ޑައިރެކްޝަނަށް ނުކުތް އިރު، އޭނައާ އެއްމާބަނޑު ލަވް ސިންހާ މިހާތަނަށް ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2010 ގެ "ސަދިޔާން" އާއި 2018 ގެ "ޕަލްޓާން" އެވެ.
ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާގެ ތިން ކުދިންގެ ތެރެއިން ހަގު ދަރިފުޅު ސޮނާކްޝީގެ ކުރިއަށް ފިލްމުތަކުގެ ތެރޭގައި "ޑަބަލް އެކްސްއެލް" އާއި "ކަކުޑާ" ހިމެނެ އެވެ. އޭނަ ބޮލީވުޑަށް ނުކުތީ ސަލްމާން ޚާނާ އެކީ 2010 ގެ "ދަބަންގް" އިންނެވެ.