ރައީސް މުހައްމަދު މުއިއްޒާ ބައްދަލުކުރުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ހެންވޭރު އުތުރު ދާއިރާއާއި، މިލަންދޫ ދާއިރާއާއި، ވެލިދޫ ދާއިރާއާއި، ތުޅާދޫ ދާއިރާއާއި، ފެލިދޫ ދާއިރާއާއި، މުލަކު ދާއިރާއާއި، ނިލަންދޫ ދާއިރާގެ އިތުރުން ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ. މިއީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ހާއްސަކުރެވުނު އަށް ދާއިރާ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރަން ޖެހެނީ އެކަމަށް ޚާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަންނަ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރަން ޖެހޭނެ ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

"ރައްޔިތުންގެ އަޑު" އަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދިނުމަށްޓަކައި ފަށާފައިވާ ސިލްސިލާއެކެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.