ސްމާޓްފޯންތަކާއި، ކޮމްޕިއުޓަރު ގޭމްތައް ކުޅުމުގައި ގިނަ ކުޑަ ކުދިންނާއި ބޮޑެތި މީހުން ވެސް މިހާރަކަށް އައިސް ވަގުތު ހޭދަކުރާ ކަމީ ފާހަގަކުރެވޭ ކަމެކެވެ.

ހަމަ ޔަގީނުންވެސް އަހަރުމެންގެ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މިފަދަ އިލެކްޓްރޯނިކް ޑިވައިސްތަކުގެ ސަބަބުން އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. ވާނަމަ ވާނީ ގެއްލުމެވެ. ހާއްސަކޮށް ލޮލުގެ ފެނުމަށް މިކަމުގެ ސަބަބުން ކުރާ އަސަރަކީ ފަރުވާކުޑަ ކުރެވެން ނެތް އަސަރެކެވެ.

ލޮލުގެ ފެނުމާ ގުޅޭގޮތުން މާގިނަ ދިރާސާ ތަކެއް ހެދިފައި ނެތަސް، 2007 ވަނަ އަހަރު ދުނިޔޭގެ ބާޒާރަށް އެޕަލްގެ ބްރޭންޑްތައް ތައާރަފްވުމާއި އެކު،ގިނަ ބަޔަކު ދިޔައީ މި ބްރޭންޑްތަކަށް އަހުލުވެރި ވަމުންނެވެ. ސްމާޓް ފޯން ބޭނުންކުރާ މިންވަރު އިތުރުވަމުން ދިޔައިރު ލޮލުގެ ޑޮކްޓަރުންނާއި ސިއްހީ މާހިރުން ދިޔައީ މިކަމާ ކަންބޮޑުވަމުންނެވެ.

ސަބަބަކީ “ޝޯޓް ސައިޓެޑްނެސް” ހުންނަ މީހުންގެ އަދަދު މިކަމުގެ ސަބަބުން އިތުރު ވުމެވެ. ސްކްރީން ތަކަށް ބެލޭ މިންވަރު ކުޑަ ކުރުމާއި ބޭރު ތެރޭގައި ވަގުތު ހޭދަކުރުމަކީ މި ސިއްހީ މައްސަލައިން ސަލާމަތްވުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެކެވެ. އެއާއެކު ކެއުމުގައި ތަރުކާރީގެ ބައި އިތުރުކުރުމަކީ ވެސް އެދެވިގެންވާ ކަމެކެވެ.

ޝޯޓް ސައިޓެޑްނެސް ހުންނަކަން ދެނެގަންނާނީ ކިހިނެއް

  • ބޮލުގައި ރިއްސުމާއި، ލޮލަށް ބަރުވެފައި ހުރުން.
  • ދުރުގައި ލިޔެފައި ހުންނަ އެއްޗެއް ކިޔުމަށް ދަތިވުން.
  • ޓީވީ އާއި މާކައިރީގައި އިނުން.
  • ލޯ އުނގުޅުން.

މި ސިއްހީ މައްސަލަ ހުންނަ މީހުންގެ ލޮލުގައި ކުޑަ ދިގު ކަމެއް ފާހަގަ ކުރެވޭނެ އެވެ. ސަބަބަކީ ހަމައެކަނި ލޮލުގެ ރެޓިނާއިން، ސީދާ ލޮލުގެ އެތެރެއަށް އަލި ދަތުރުކުރާތީ އެވެ. އެހެން ކަމުން ދުރު ފުސްވެ ކައިރީގެ ފެނުން މިފަދަ މީހުންނަށް ސާފުވެ އެވެ.