ޗައިނާ އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޗައިނާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއާއެކު ޝާހިދު ބައްދަލުކުރެއްވީ އިއްޔެ މެންދުރުފަހު ކަމަށެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

މި ބައްދަލުވުމަށްފަހު ފޮރިން މިނިސްޓަރު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ މުހިއްމު އެކުވެރިއެއްކަމަށާއި، މިހާރު ދިމާވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ޗައިނާއެކު ވަރަށް ގާތުން މަސައްކަތްކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ސަފީރު ސަންޖޭ ސުދީރާ މިއަދު މިނިސްޓަރު ޝާހިދު ބައްދަލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާއި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއެކު މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވީ މިއަދު މެންދުރުފަހު އެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ކުދި އަދި ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ ހިނގުން އަވަސްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.