ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ފުލުހުން ނުކުމެ ހިންގި ކަންކަން އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކުމަކީ ރާއްޖެއަށް ދެވޭ ގެއްލުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުއިޓުގައި ވިދާޅުވީ ހަތެއް ފެބްރުއަރީގައި ފުލުހުން ނުކުމެ ހިންގި "މިއުޓިނީ" އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކުމަކީ ރާއްޖެއަށް ދެވޭ ގެއްލުމެއް ކަމަށެވެ. އަދި އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ފުލުހުންގެ ގާނޫނަށް އިސްލާހް ގެންނަން ވިސްނައިފި ނަމަ އެއީ ޒަމާންތަކެއް ވަންދެއް ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފުލުހުންގެ ބިލަށް އެމަނިކުފާނު ބޭނުންފުޅުވާ ބައެއް އިސްލާހުތައް ގެނެސްފައިނުވާތީ ރައީސް ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ބިލަކީ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުރި ބިލެއް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ޝައުގުވެރި ކަމަށް ކޮމިޓީން މާ ބޮޑު ފަރުވާލެއް ބަހައްޓާފައި ނުވާ ކަމަށެވެ.

ހަތެއް ފެބްރުއަރީގައި ހިނގި ކަންތައްތައް މާޒީގެ ތެރެއަށް ދޫކޮށްލީ ކަމަށާއި އެ މައްސަލަތައް ވެރިކަން ލިބުނަސް އެމްޑީޕީން ނުބަލާނެ ކަމަށް މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފަ އެވެ.

ނަމަވެސް ހަތެއް ފެބްރުއަރީގައި ހިނގި ކަންތައްތައް ބެލުމަށް މަގުފަހި ކުރުމުގެ ގޮތުން އިންތިގާލީ އަދާލަތުގެ ނަމުގައި މަޖިލީހަށް ސަރުކާރުން ވަނީ ބިލެއް ހުށަހަޅާފަ އެވެ.