ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން މިމަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ރައީސް ސޯލިހު އިންޑިއާއަށް މިކުރައްވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސްގެ މިދަތުރުފުޅުގައި ނިއުދިއްލީއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، އިންޑިއާގެ ރައީސް، ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެ އެވެ. އަދި ދެގައުމުގެ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ކުރައްވާނެ އެވެ. އަދި ދެގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ފަހުގައި، ދެޤައުމުގެ އިސްވެރިން ގުޅިފައިވާ ނޫސްބަޔާނެއް ދެއްވަވާނެ އެވެ.

އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާއިވެސް ރައީސް ސޯލިހު ބައްދަލު ކުރައްވާނެ އެވެ. މިގޮތުން ނިއުދިއްލީ އާއި މުމްބާއީގައިވެސް ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.މިދަތުރުފުޅުގެ ތެރެއިން، ރައީސް ސޯލިހު މުމްބާއީއަށް ޒިޔާރަތް ކުރައްވައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެ އެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެ އެވެ.

ރައީސް އިންޑިއާއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. ރައީސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި އެނބުރި ރާއްޖެވަޑައިގަންނަވާނީ، މިމަހުގެ ހަތަރެއްވާ ބުރާސްފަތި ދުވަހުގަ އެވެ.

ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ ރަސްމީ މިދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެއެވެ. އިންޑިއާއަކީ، ދިވެހިރާއްޖޭގެ އިޖުތިމާއީ ތަރައްގީ އާއި އުމުރާނީ ތަރައްގީގައި މުހިއްމު ބައިވެރިއެކެވެ.