ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީގައި 2026 ވަނަ އަހަރު ތާރީޚެއް ޖަހާފައިވާ މައްސަލަ ފެންމަތިވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓެއް ހެދި ފުލުސް މީހާ ހާޒިރުކޮށް، ކްރިމިނަލް ކޯޓުން މިއަދު ހެކިބަސް ނަގަމުން ދަނިކޮށް ފެންމަތިވީ ޗެކް ޑިޕޮޒިޓްކުރި ލިޔުމުގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީޚެއް އޮތް މައްސަލަ އެވެ.

ޗެކް ޑިޕޮޒިޓްކުރި ލިޔުން ތަހުލީލުކުރީ އޭގައި އޮތް ސޮޔާއި ޔާމީންގެ ސޮއި ދިމާވޭތޯ ބެލުމަށެވެ. އެ ރިޕޯޓް ހެދި ފުލުސް މީހާ ބުނާގޮތުން ސޮއި ދިމާވެ އެވެ. އެކަމަކު އެ ލިޔުމުގެ ޗެއިން އޮފް ކަސްޓަޑީގައި އޮތީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތާރީޚެކެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ ފުލުހުންގެ ބެލުމުގެ ދަށަށް ހެކި ގެންދިއުމަށްފަހު އެއާ މެދު އަމަލުކުރާ ގޮތް ބަޔާންކުރާ ލިޔުމެވެ. އެ ލިޔުމުގައި، ޑިޕޮޒިޓް ސްލިފް ހޯދި ތާރީޚެއްގެ ގޮތުގައި 2026 ވަނަ އަހަރު ލިޔެފައި އޮތުމުން ޗެއިންގައި މައްސަލައެއް އުޅޭ ކަމަށް ފުލުސް މީހާ ވެސް އެއްބަސްވި އެވެ.

އެކަމަކު ޗެއިންގައި މައްސަލައެއް އޮތަސް، ތަހުލީލުގެ ނަތީޖާ ގޯސް ނުވާނެ ކަމަށް ފުލުސް މީހާ ބުންޏެވެ.

އެ މައްސަލާގައި އިތުރު މީހުންގެ ހެކިބަސް ވެސް އަދި ނަގާނެ އެވެ. އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ އެވެ.