އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސް ކަމަށް ރައްޔިތުން އުފަލާއެކު އަލުން އިންތިހާބު ކުރާނެ ހަމައެކަނި "ޗޮއިސް"އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ވެރިކަމުގައި ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި ވަރަށް ބޮޑު ތަފާތެއް ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އަދި މިނިވަންކަން ވިއްކާނުލާނެކަމާއި ދީނުގެ ހަމަތަކުގައި ހިފަހައްޓަވާނެކަން އަދި ވިޝަނަރީ ތަރައްގީ ސާބިތުކޮށްދެއްވި ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ރައިސް ޔާމިނަކީ ކުރިޔަށް އޮތް އިންތިހާބުގައި ރައްޔިތުން އުފަލާއެކު އިންތިޚާބުކުރާނެ ހަމައެކަނި ޗޮއިސްކަން ޔަގީން ކަމަށް ވިދާޅުވެ ޖަމީލް ވަނީ ރައިސް ޔާމީނަށް ހޫނު މަރުޙަބާއެއް ވެސް ވިދާޅުވެފަ އެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރައީސް ޔާމިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށާއި ރައީސް ޔާމީންގެ ޒައާމަތުގައި ދިވެހިން ދެކޭނީ މިނިވަން މުސްތަގިއްލު ސައްތައިންސައްތަ އިސްލާމީ ދައުލަތެއް ކަމަށާއި ފުދުންތެރި އުފާ ފާގަތި އަމިއްލަ ވަންތަ ގައުމެއް ކަމަށެވެ.
ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބަ ހިނގަ އެވެ. އެއީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުންފުންޏަކާ ހަވާލުކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާއަކާއި ރ. ފުއްގިރީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައުވާ ދެ ދައުވާއެކެވެ.