ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން މުމްބާއީއަށް ވަޑައިގެންނެވުމުން، މަރުޙަބާ ދަންނަވައި، މަހާރަޝްތުރާގެ ގަވަރުނަރު ޝްރީ ބަގަތު ސިންގް ކޮޝަޔާރީ މެންދުރުގެ ހާއްސަ ފަރިއްކޮޅެއް ދެއްވައިފި އެވެ.

މުމްބާއީގެ ރާޖް ބަވަންގައި ބޭއްވެވި މި ފަރިއްކޮޅުގައި، ރައިސް އާއި މަހާރާޝްތްރާގެ ގަވަރުނަރު ވަނީ، ދެގައުމުގެ މަސްލަހަތު އޮތް މުހިންމު މައުޟޫޢުތަކުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި މިބައްދަލުކުރެއްވުމުގައި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ރައީސް ސޯލިހު މުމްބާއީއަށް ވަޑައިގެންނެވީ ނިއުދިއްލީއަށް ވަޑައިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ސަރުކާރާއެކު މަތީ ފެންވަރުގެ ރަސްމީ މަޝްވަރާތައް ކުރެއްވުމަށްފަހުގަ އެވެ. އަދި އެމަނިކުފާނު ވަނީ ނިއުދިއްލީގައި ބޭއްވި، އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައިވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ރައީސް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.