ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް، ސައުދީ އަރަބިއާގެ މާތްވެގެންވާ ގެފުޅުގެ ހަޖަރުލް އަސްވަދުގައި އަތްލައި ބޮސްދިނުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފި އެވެ.

މީގެ އިތުރުން ވަނީ ގެފުޅުގެ ބައެއްގެ ގޮތުގައި ހިމެނޭ ހިޖުރު އިސްމާއިލަށް ވަނުމަށް ވެސް ހުޅުވާލައިފަ އެވެ.

ކޮވިޑް ފެތުރެން ފެށުމާ އެކު ހަރަމްފުޅު އާއްމުންނަށް ބަންދުކުރުމަށް ފަހު، ގެފުޅު ވަށައިގެން ފެންސެއް ޖެހި އެވެ. ނަމަވެސް މިހާރު ވަނީ އެ ފެންސް ވެސް ނަގައިފަ އެވެ.

ގެފުޅު ވަށާ ޖަހައިފައި ހުރި ފެންސް ނެގުމާ އެކު އުމްރާވެރިން ވަނީ އުފަލުން ހަޖަރުލް އަސްވަދުގައި އަތްލައި ބޮސްދޭން ފަށައިފަ އެވެ. އަދި ހިޖުރު އިސްމާއިލްގައި ނަމާދުކުރަން ވެސް ފަށައިފަ އެވެ. މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު އުމްރާވެރިންނަށް ގެފުޅު ހުޅުވާލާފައި ވަނީ މުހައްރަމް 1 ވަނަ ދުވަހު އެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީން ފުރުސަތު ދިނީ 1،000 މީހުންނަށެވެ. އެ ފަހަރު ހުއްދަ ދިނީ ސައުދީގައި އުޅޭ މީހުންނަށް އެކަންޏެވެ. މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށް ފުރުސަތު ދިނީ 60،000 މީހުންނަށެވެ. ނަމަވެސް މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް އެއް މިލިއަން މީހުންނަށް ފުރުސަތު ދީފައިވެ އެވެ. ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު ވަނީ 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.