އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި އެވެ.

ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށާއި މުމްބާއީއަށް ޒިޔާރަތްކުރައްވާފަ އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައިވަނީ ނިއުދިއްލީއަށެވެ.

ނިއުދިއްލީގައި އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު މީގެ ކުރިން އަދި މިހާރު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި އަދި ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުންބަދަހި ކުރުމާގުޅޭ ތަފާތު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި، ތަމްރީނާއި ގާބިލުކަން އިތުރުކުރުމާއި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ފައިނޭންސް ކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ. މި ދަތުރުފުޅުގައި ރައީސާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ތިލަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާފަ އެވެ.

ރައީސް ވަނީ، އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް މީގެ ކުރިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަށް އިތުރު 100 މިލިއަން ޑޮލަރު ލިބޭނެ މަގު ފަހިކޮށްދެއްވާފައިވާތީ އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މީގެ އިތުރުން މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ނިންމާފައިވާ 4000 ހައުސިންގ ޔުނިޓްގެ އިތުރުން، އިތުރު 2000 ސޯޝަލް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް އެގްޒިމް ބޭންކުން ފައިނޭންސް ހަމަޖައްސަވާފައިވާތީ އެކަންވެސް ފާހަގަކުރައްވާފައިވެ އެވެ. މީގެ އިތުރުން ދިވެހި ސިފައިންގެ އުމްރާނީ ވަސީލަތްތަކާއި، އުޅަނދުފަހަރާއި، އާލާތްތައް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފަ އެވެ.