ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް މަރުވި ސިފައިންގެ ޑައިވަރު މުހައްމަދު މަހުދީގެ މަރުގެ ސެޓްފިކެޓްގައި ހުރި މައުލޫމާތު އިސްލާހުކޮށްދީފައި ނުވާތީ، އޭނާގެ އާއިލާއިން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.
މިދިޔަ މޭ މަހުގެ ތެރޭގައި މަހުދީ މަރުވީ، ގެއްލިފައިވާ މީހުން ހޯދުމަށް ފީނުމުގެ ތެރޭގައި ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ނަމަވެސް، އޭނާގެ މަރުގެ ސެޓްފިކެޓްގައި ބަޔާންކޮށްފައިވަނީ އޭނާ ސަލާމަތްކުރި (ރެސްކިއުޑް) ކަމަށެވެ.
މަހުދީގެ ކޮއްކޮ، ފާރިސް އިބްރާހިމް ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، މަރުގެ ސެޓްފިކެޓްގައިވާ އެ މައުލޫމާތު ބަދަލުކުރުމަށް އޭޑީކޭ ހޮސްޕިޓަލުގައި އެދުމުން، އެތަނުން ބުނެފައިވަނީ ކަމާބެހޭ ރަސްމީ އިދާރާތަކުން އެންގުމުން ނޫނީ އެކަން ނުކުރެވޭނެ ކަމަށެވެ. މިކަމާ ގުޅިގެން ޑިފެންސް މިނިސްޓަރާ ބައްދަލުކުރުމުން ވެސް، ސެޓްފިކެޓް ބަދަލުނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
މަހުދީ މަރުވި ހާދިސާގެ ހަގީގަތް ހޯދުމަށް އާއިލާއިން ކުރި މަސައްކަތުން، އޭނާގެ ގޯޕްރޯ ކެމެރާގެ ވީޑިއޯއާއި އެކުގައި ދިޔަ ޑައިވަރުންގެ ވާހަކަތަކުން އެނގުނު ގޮތުގައި، މަހުދީ ހޮހޮޅައިގެ ތެރެއަށް ވަދެވުނީ އޮޅުމަކުން އޭނާގެ ގައިޑްލައިން ނެއްޓިގެންނެވެ. އަދި އޭނާގެ ހަށިގަނޑު ކަނޑުއަޑިން ނެގީ މެރިން ފުލުހުންގެ ޑައިވަރުން ކަމަށްވެސް އާއިލާއިން މައުލޫމާތުދެއެވެ.
އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާގެ ހަގީގަތް ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ. އަދި މަހުދީގެ ފޯނު އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތުމަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށް ފާރިސް ފާހަގަކުރިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ތަހުގީގެއް ފަށާފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް އިދާރާއަކުން ތަހުގީގުގެ އެއްވެސް ތަފްސީލެއް އާންމުކޮށްފައެއް ނުވެއެވެ.
އެމެރިކާއާއެކު މަޝްވަރާ ނުކުރާކަމަށް އީރާނުން ބުނެފި
ޖަންގްޝަނުން ނަޖިސް ބޭރުވަނީ، އެމްޑަބްލިޔުއެސްސީގެ ބަހެއް ނެތް
އުމްރާއިން އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ