މާލޭގައި ރޭ ވަރަށް އަނިޔާވެރިކޮށް މަރާލި ފުވައްމުލަކު މާދަޑު އަވަށު، ކުރި، ޝިއާއު ސައީދުގެ މަރުގެ މައްސަލާގައި އިންސާފު ލިބެން ޖެހޭ ކަމަށާއި އެއަމަލު ހިންގި ފަރާތަށް ގާނޫނުތަކުން ލިބެންޖެހޭ ހައްގު އަދަބު ދިނުމަށް އިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

ރާއްޖޭގެ މިހާތަނަށް ހިނގި އެންމެ އަނިޔާވެރި އެއް މަރާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަނިޔާވެރިކަމާއެކު މާލޭގައި މަރާލާފައިވާ ޒުވާނާއަށާއި އާއިލާއަށް އިންސާފު ހޯދައިދީ، ލާއިންސާނީ އަމަލު ހިންގި ފަރާތަށް ހައްގު އަދަބު ދިނުމަށް ގޮވާލާކަމަށެވެ. އަދި އެއްވެސް ރަހުމެއް ނެތި އަނިޔާވެރިކަމާއެކު ޒުވާން އަންހެން ކުއްޖަކު މަރާލާފައިވާ މައްސަލައިގެ ކަންބޮޑުވުން އެ ކޯލިޝަނުން ވަނީ ފާޅުކޮށްފަ އެވެ.

އިދިކޮޅުން ވަނީ އެ ރަހުމްކުޑަ ލާއިންސާނީ އަމަލު ހިންގި ފަރާތާއި އެކަމަށް ވާގިވެރިވި ފަރާތްތަކާއި ހިތްވަރުދިން ފަރާތްތަކަކީ ކޮބައިކަން ހޯދާ، ތަހުގީގު އަވަސްކުރުމަށް ގޮވާލާފަ އެވެ. އަދި އެފަދަ ރަހުމްކުޑަ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކާމެދު އެއްވެސް ހަމްދަރުދީއެއްނެތި ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ގޮވާލާކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އަނިޔާވެރިކަމާއެކު މަރާލެވިފައިވާ ޝީއާއު މުހައްމަދު ސައީދުގެ އާއިލާއަށާއު، ރަހުމްތަތެރިންނަށް ކުރިމަތިވެފައިވާ ފުން ހިތާމާގައި، އިދިކޮޅު ކޯލިޝަނުން ބައިވެރިވެ، އާއިލާއަށާއި ރަހުމަތްތެރިންނަށް ޕީޕީއެމްގެ ރައީސް ޔާމީނާއި ކޯލިޝަންގެ ލީޑަޝިޕާއި ސެނެޓާއި ސްޓިއަރިން ކޮމިޓީތަކާއި އާންމު މެމްބަރުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށް ވެސް އިދިކޮޅުގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގިނަގުނަ ޒަހަމްތަކާއި އެކު އަންހެނަކު މަރާލާފައި އޮއްވާ ފެނިފައިވާކަން ފުލުހުން ރޭ ކަށަވަރު ކޮށްދީފައިވާއިރު އެކަން ހިނގިތަނުން ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އއެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ މަޝްހޫރު ޒުވާން ސްކޭޓަރެއް ކަމަށްވާ އަލީ ޝަހީލް އެވެ.

މި މައްސަލާގެ ތަހުގީގު ނިމެންދެން ޝާހިލް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.